ދިވެހިރާއްޖެއިން މިހާތަނަށް އެޗްއައިވީ ޖެހިގެން 76 މީހަކު ރިޕޯޓުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިބީ 52 މީހުން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ. 

'އަހާށޭ ބުނާނަން' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވީ، ރާއްޖެއިން އެންމެ ފުރަތަމަ އެޗްއައިވީ ފެނި ޑައިގްނޯސް ކުރެވުނީ 1991 ވަނަ އަހަރު ކަމަށާއި، އެ ދުވަސްވަރު މި ބައްޔާ ގުޅިގެން އާންމުންގެ މެދުގައި ވަރަށް ބޮޑު ކަންބޮޑުވުމަކާއި ބިރުވެރިކަމެއް އުފެދިގެން ދިޔަ ކަމަށެވެ. 

ނަމަވެސް، މިއަދާ ހަމައަށް އައިއިރު ސަރުކާރުން ވަނީ ބައްޔާ ގުޅޭ ހޭލުންތެރިކަން ފޯރުކޮށްދީ، ބޭނުންވާ ފަރުވާއާއި ވަސީލަތްތައް ގާއިމުކޮށްފައި ކަމަށް މިނިސްޓަރު ގީލާ ވިދާޅުވި އެވެ. އޭގެ ސަބަބުން މި ބަލި ފެތުރޭ ގޮތްތަކާއި ދުނިޔޭގައި ފަރުވާއަށް އައިސްފައިވާ ކުރިއެރުންތައް މިއަދު އާންމުންނަށް ވަރަށް ބޮޑަށް ސާފުވެފައިވާ ކަަމަށް މިނިސްޓަރު ގީލާ ވިދާޅުވި އެވެ. 

މީގެއިތުރުން މިނިސްޓަރު ގީލާ ވިދާޅުވީ، ދައުލަތުން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމެއްގެ ތެރެއިން ބަލި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ފޯރުކޮށްދިނުމާއި، އެ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ ކައުންސިލިންގ ދިނުމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުންދަނީ ވަރަށް ރޭވުންތެރިކަމާއެކު ކަމަށެވެ. އަދި ބަލިމީހުންނާއި އާއިލާތަކުގެ މައުލޫމާތު ވަރަށް ބޮޑަށް ސިއްރުކުރެވިގެން ޚިދުމަތް ދެވެމުންދާކަން ވެސް މިނިސްޓަރު ގީލާ ވިދާޅުވި އެވެ. 

މިހާތަނަށް އަޅުގަނޑުމެންގެ މި ރެކޯޑުތަކުން ދައްކަނީ 76 މީހަކަށް އެޗްއައިވީ ރާއްޖޭގައި ޖެހިގެން ރިޕޯޓުކުރެވިގެން ދިޔަކަމަށް އެނގޭތޯ. އެހެންނަމަވެސް މިވަގުތު ދުނިޔޭގައި ހުރީ 52 މީހުން. ދެން މިއީ ވަރަށް މި ދައުލަތުން ފޯރުކޮށްދޭ މި ޚާއްސަ ޕްރޮގްރާމެއްގެ ތެރެއިން މީހުންނަށް ފަރުވާ ފޯރުކޮށްދިނުމާ އާއިލާއަށް ބޭނުންވާ ކައުންސިލިން ދިނުމާ އަދި ތަފާތު އެހެނިހެން ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް ވަރަށް ރޭވުންތެރިކަމާ އެއްކޮށް މި ގެންދެވޭ ޕްރޮގްރާމެއް
ގީލާ އަލީ

އެހެން ގައުމުތަކުގައި އެޗްއައިވީ ފެތުރިގެންދިޔަ މިންވަރަށް ރާއްޖޭގައި މި ބަލި ފެތުރިގެން ގޮސްފައިނުވާކަން ފާހަގަކުރައްވައި މިނިސްޓަރު ގީލާ ވިދާޅުވީ، ކޮންމެ ބަލިމީހަކަށް ވެސް މި ބައްޔަށް ވާސިލުވާން މެދުވެރިވި ސަބަބުތައް ދެނެގަނެ، އެ ފެންވަރަށް މައުލޫމާތު އެއްކުރެވިގެން ޚިދުމަތް ދެވެމުންދާ ކަމަށެވެ. އަދި އާންމު ސިއްހަތުގެ ދާއިރާއިން މިކަމުގައި ވަރަށް ރަނގަޅު އަދި ރޭވުންތެރި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މިނިސްޓަރު ގީލާ ވިދާޅުވި އެވެ.