ދިވެހިރާއްޖޭގައި
ޔުނިވަރސިޓީތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު ގެޒެޓުކޮށް އާންމުކޮށްފި އެވެ.
މި ގަވާއިދުގެ
ދަށުން ދިވެހިރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖުތަކަށް ޔުނިވަރސިޓީއެއްގެ ގޮތުގައި
ރަޖިސްޓަރީވުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
ގަވާއިދުގައިވާ
ގޮތުން އަމިއްލަ ކޮލެޖުތައް ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދޭނީ ކޮލެޖެއްގެ
ގޮތުގައި ހިންގާތާ ފަނަރަ އަހަރުވުމުންނެވެ. މީގެ އިތުރުން ބޭރު ގައުމެއްގައި އެ ގައުމެއްގެ
ސަރުކާރުން ބަލައިގަންނަ ޔުނިވަރސިޓީއެއްގެ ގޮތުގައި ހިންގާތާ ދިހަ އަހަރުވުމާއެކު
ތިން ދާއިރާއަކުން ބެޗެލާސް ޑިގްރީއާއި މާސްޓާސް ޑިގްރީއާ ދެމެދުގެ ކޯސްތައް ހިންގުމަކީ ވެސް
ޝަރުތެއްކަމަށް ބުނެފައިވެ އެވެ.
މި ގަވާއިދުގެ
ދަށުން ޔުނިވަރސިޓީއެއް ރަޖިސްޓަރީކުރުމާއެކު އެ އުފެދިގެން ދަނީ ވަކި ގާނޫނީ ޝަޚްސެއްގެ
ގޮތުގައިކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.
ޔުނިވަރސިޓީއެއްގެ
މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިލްމީ ގޮތުން އެންމެ މަތީ ފެންވަރަށް ވާސިލުވުމަށްޓަކައި
ހިންގަންޖެހޭ މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމާއި ޔުނިވަރސިޓީގައި
ހިންގާ ޕްރޮގްރާމާއި ތަމްރީނުތަކާ ގުޅިގެން ދޭންޖެހޭ ސަނަދުތަކާއި އެވޯޑުތައް ދިނުން
ހިމެނެ އެވެ.
ޔުނިވަރސިޓީއެއްގެ
ގޮތުގައި ރަޖިސްޓަރީކުރަން ޕްރޮޕޯޒަލް ހުށަހަޅާނީ އެކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން
ހާއްސަކުރާ ޕޯޓަލަށްކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. ޕްރޮޕޯޒަލް ބަލައިގަންނަތާ
ތިން މަސްދުވަހުގެ ތެރޭގައި އެސެސްމަންޓް ރިޕޯޓު ތައްޔާރުކޮށް އެކަމާމެދު ގޮތެއް ނިންމަންޖެހޭކަމަށް
ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
ޔުނިވަރސިޓީގެ
މައި ކެމްޕަސް ރަޖިސްޓަރީކުރަން 100،000 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެކަމަށް ވެސް
ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ޔުނިވަރސިޓީއަކަށް ވުމުން ދެ އަހަރުގެ ތެރޭގައި މަދުވެގެން
ޕީއެޗްޑީ ލެވެލްގެ އެއް ޕްރޮގްރާމް ހިންގަންޖެހޭނެ އެވެ.