ސިނަމާލެ ބްރިޖުން ފައިމަގުގައި ހުޅުލެއަށާއި ހުޅުމާލެއަށް ދިޔުމަކީ މަނާ ކަމެއް ކަމަށާއި، އެގޮތަށް އަމަލުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނީ، 30 އޯގަސްޓް 2018 ގައި ސިނަމާލެ ބްރިޖު ހުޅުވުނު ދުވަހުން ފެށިގެން، ބްރިޖު ހުރަސްކޮށް ހިނގާފައި ނުވަތަ ދުވެފައި އެއަރޕޯޓަށާއި ހުޅުމާލެއަށް ދިއުމަކީ މަނާ ކަމެއް ކަމަށެވެ.
ނަމަވެސް، ސިނަމާލެ ބްރިޖުގެ އެއަރޕޯޓާ ވީކޮޅުގެ ވޯކްވޭ ބަންދުކުރުމަށް ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް ބައެއް މީހުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މިއީ ހުއްދަ ކުރެވިފައިވާ ކަމަކަށް ނުވާއިރު، މިގޮތަށް އަމަލުކުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކޮށް ފުލުހުން ބުނީ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، އެ ސަރަހައްދުގައި ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާން ހަރުކޮށްފައިވާ ކަމަށެވެ.
މި ބޯޑުތަކާއި ނިޝާންތައް ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެ އެވެ.
ސިނަމާލޭ ބްރިޖު ހުރަސްކޮށް ފައިމަގުގައި ހުޅުމާލެއާއި ހުޅުލެއަށް ދިއުމަކީ މަނާ ކަމެއްކަން ފުލުހުން ހަނދާން ކޮށްދީފައިވާއިރު، ދޭތެރެދޭތެރެއިން ބައެއް ބިދޭސީން ފޮށިތައް ހިފައިގެން ހިނގާފައި އެއަރޕޯޓަށް ދާ މައްސަލަތައް ފެންމަތިވެ އެވެ.