ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ގާނޫނީ އިމުން ބޭރުން ސުވާލު އުފެދޭ ސީރިއަސް ކަންތައްތަކެއް ހިނގާފައިވަނިކޮށް ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސަރުކާރުގެ އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވާނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ޕާކިސްތާނުގެ ސަރުކާރަކުން ވެސް ދިވެހި ސަރުކާރަކުން ވެސް މި ދަތުރުފުޅާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. 

ރައީސް މުއިއްޒު ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވާއިރު، ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް  އަބްދުއްރަޙީމް އަބްދުﷲ، ޕީއެންސީގެ ބޮޑު ޕާލިމެންޓަރީ ވަފުދެއްގައި އިސްވެ ހުންނަވާ ޕާކިސްތާނަށް ވަނީ ދަތުރުފުޅެއް ކުރައްވާފަ އެވެ. ޕާކިސްތާނުގެ ރަސްމީ ބަޔާންތަކުގައި މި ދަތުރަކީ ރަސްމީ ދަތުރެއް ކަމަށް ބުނި ނަމަވެސް، މި ދަތުރުފުޅުގައި ޕާލިމެންޓަރީ ގުޅުންތަކުން ބޭރުވެ، އިޤްތިޞާދީ ގުޅުން، ސަރަހައްދީ ގުޅުމާއި، ދިފާއީ ރޮނގުންނާއި، ޓެކްނޮލޮޖީ، އެވިއޭޝަން އަދި ދެ ގައުމުގެ ސަލާމަތާއި ގުޅުންހުރި ދާއިރާތަކަށް ފެތުރިގެން ގޮސް އެކަމާ ބެހޭ ގާނޫނީ އެތައް ސުވާލެއް ވަނީ އުފެދިފަ އެވެ.

ޕާކިސްތާނުގައި ވަކިވަކިން އަބްދުއްރަހީމް ބޭއްވެވި ބައްދަލުވުން ތަކުގައި 2028 ގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ވާދަކުރެއްވުމަށް ނުކުޅެދޭ ހާލަތެއް އުފެދިއްޖެ ނަމަ، ޕީއެންސީއިން އަބްދުއްރަޙީމް އިންތިޚާބަށް ނުކުމެދާނެ ކަމާއި، ތިންވަނަ ފަރާތެއްގެ އިންތިޚާބީ ކެމްޕޭނެއް ހިންގުމަށް ފައިސާގެ އެހީ ހޯދުމާއި، އިންޑިއާގެ ޕާލިމެންޓު ރައީސްއާއެކު ކުރިން ބޭއްވި ބައްދަލުވުމެއްގައި ނުތަނަވަސްކަންތައްތަކެއް އުފެދުނުކަމަށާއި ރާއްޖޭގެ މަޖިލިސް ރައީސްއަށް ވަރަށް ހަޑިކޮށް އެ ބައްދަލުވުމުގައި ބެވިކަމަށާއި، ދިވެހިރާއްޖެ، ޕާކިސްތާން، ބަންގްލާދޭޝް އަދި ސްރީލަންކާ ހިމެނޭ ކޮމަންވެލްތުގެ ތެރެއިން ރީޖަނަލް މެކޭނިޒަމްއެއް ގާއިމްކުރުމާއި، އަދި ތިންވަނަ ގައުމެއްގައި އަލުން މަޖިލިސް ރައީސް އަދި ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ބައްދަލުކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް އިތުބާރު ހުރި މަސްދަރަކުން މި ނޫހަށް މައުލޫމާތު ދީފައިވެ އެވެ.

ނަމަވެސް މިކަން ރަސްމީ ފަރާތަކުން އަދި ސާފުކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

އަނެއްކޮޅުން ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ރޮނގުން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި ޕާކިސްތާނުން 50 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ހޯދުމަށް މަޝްވަރާކުރެވެމުންދާ ކަމަށާއި، މި ދަތުރުފުޅުގެ ތެރޭގައި އެ ލޯނު އެއްބަސްވަމުގައި ސޮއިކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އިތުބާރު ހުރި ފަރާތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދީފައިވެ އެވެ. މީގެ އިތުރުން ތައުލީމީ ރޮނގުންނާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮނގު ފަދަ ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް އެއްބަސްވުންތަކުގައި ސޮއިކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް ވެސް މައުލޫމާތު ލިބެ އެވެ.