ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެންނެވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް،
މިހާރު އެ ރައީސަށް އޮތް ތާއީދު ގެއްލިފައިވާ ކަމަށާއި، މާތްﷲ އަށް ތެދުވެރިނުވި މީހަކު ރައްޔިތުންނަށް ވެސް ތެދުވެރި ނުވާނެކަމަށް ފ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ
އަދި ނިލަންދޫ ކައުންސިލް ރައީސްކަން ވެސް ކުރައްވާފައިވާ މުހައްމަދު ޖަލީލް ވިދާޅުވެއްޖެ
އެވެ.
ރާއްޖެޓީވީގެ
ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަވިއުގައި ޖަލީލް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް
ހުރި ގޮތުންނާއި އެނޫން ވެސް އެތައް ސަބަބުތަކާހުރެ ރައީސް މުއިއްޒަށް އޮތް ތާއީދު ގެއްލިފައިވާ ކަމަށެވެ.
އަލުން ރައީސް މުއިއްޒުއަށް އޭރު ކުރެއްވި ތާއީދު ދެން ކުރެވޭނެހެން ހީނުކުރައްވާ ކަމަށް ވެސް
އޭނާ ވިދާޅުވި އެވެ.
ޖަލީލް ވިދާޅުވީ
ކަންކަން ރަނގަޅު ކުރާ ވެރިއަކާއެކު މަސައްކަތް ކުރުމަކީ އޭނާގެ ވިސްނުން ކަމަށެވެ.
ނަމަވެސް މި ސަރުކާރުން މި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރަނގަޅު ނުކުރި ކަމެއް،
ބާކީ ދެ އަހަރު ތެރޭގައި ކޮށްފާނެކަމަށް ޤަބޫލެއް ނުކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ
ބަހާއި އަމަލު ދިމާނުވާކަމަށް ފާހަގަކުރައްވަމުން ޖަލީލް ވިދާޅުވީ، މިހާރުވެސް ސަރުކާރުގެ
ބަހާއި އަމަލު ދިމާނުވާކަމަށެވެ. ދޮގު ހަދާކަން ކަށަވަރީ މާތްﷲ ބާއްވައިލެއްވި އާޔަތްތަކަށް
އީމާން ނުވާ މީހުންކަމަށް މާތްﷲ އަންގަވާފައިވާއިރު، މާތްﷲ އަށް ތެދުވެރި ނުވި މީހަކު ރައްޔިތުންނަކަށް ވެސް
ތެދުވެރިއެއް ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލީލަކީ ރައީސް މުއިއްޒުގެ ވެރިކަމަށް ގެންނެވުމަށް ފ. އަތޮޅުން ބުރަ މަސައްކަތްތަކެއް
ކުރެއްވި ބޭފުޅެކެވެ. އެހެންނަމަވެސް މިހާރު ރައީސް މުއިއްޒުގެ ސަރުކާރަށް އޭނާގެ ތާއީދު
ގެއްލިފައިވާކަން ހާމަކުރައްވައިފައިވަނީ މި އިންޓަވިއުގަ އެވެ.