ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ގެނައުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް މިއަދު ރައީސް މުއިއްޒުގެ ސަރުކާރަށް އޮތް ތާއީދު މުޅިން
ގެއްލިފައިވާކަމަށް ފ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ، އަދި ނިލަންދޫ ކައުންސިލް
ރައީސްކަން ވެސް ކުރައްވާފައިވާ މުހައްމަދު ޖަލީލް ވިދާޅުވެއްޖެ އެވެ.

ނިލަންދޫއަށާއި
ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޖަލީލް މިހެން ވިދާޅުވީ ރާއްޖެޓީވީގެ
ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ޕާޓީ ނިޒާމު
ފެށުނީއްސުރެ ޕީޕީއެމް ފިކުރުގެ ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާފައިވާ
ޖަލީލް ވިދާޅުވީ، އެއްވެސް ރައީސަކު ވެރިކަމަށް ގެންނަވަން ނުކުރައްވާހާ މަސައްކަތް ރައީސް
މުއިއްޒު ގެންނެވުމަށްޓަކައި ކުރައްވާފައިވާނެ ކަމަށެވެ. އަދި މިއީ އަމިއްލައަށް ޚަރަދުކުރައްވައިގެން ރިޔާސީ އިންތިޚާބަކަށް މަސައްކަތް ކުރެއްވި ފުރަތަމަ ފަހަރު ކަމަށާއި، އެހާވެސް ބޮޑަށް
މަސައްކަތް ކުރައްވާފައިވާނެ ކަމަށް ވެސް ޖަލީލް ފާހަގަކުރެއްވި އެވެ.

ނަމަވެސް
މިހާރު މި ވެރިކަމަށް އެއްވެސް ވަރަކަށް ތާއީދުނުކުރައްވާ ކަމަށާއި، އެއީ ސަރުކާރުގެ
ސިޔާސަތުތައް ކަމުނުދާތީ ކަމަށް ޖަލީލް ވިދާޅުވި އެވެ. އެގޮތުން ރައީސް މުއިއްޒު ވެރިކަމަށް
ވަޑައިގެން ހިނގި ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި މި ސަރުކާރުގެ ސިޔާސަތުތައް ކަމުނުގޮސްގެން
އެކަން ރައީސަށް ވެސް ދަންނަވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލީލް ވިދާޅުވީ،
ލިބޭ އެއްޗަކަށްވުރެ ޚަރަދު ބޮޑުވުމާއި ޝާނާއިޝައުކަތު ބޮޑުކުރުމަށް މަސައްކަތް ކުރާތަން
މި ވެރިކަމުގައި ފެންނަމުންދާ ކަމަށެވެ. ހަމައެއާއެކު ރައީސް މުއިއްޒުގެ ބަހާއި އަމަލު
ދިމާނުވުން ވެސް މިއީ މި ވެރިކަމަށް އެއްވެސް ވަރަކަށް ތާއީދުނުކުރައްވާ އަނެއް ސަބަބު
ކަމަށް ޖަލީލް ފާހަގަކުރެއްވި އެވެ.

މީގެ
އިތުރުން، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވަކި މީހަކަށް ތަފާތު ކުރުމެއް
ނެތި، ހަމަހަމަ އުސޫލުން ކަންކަން ހިނގާނެކަމަށް އުއްމީދު ކުރެއްވި ނަމަވެސް، ކަންކަން ހިނގައި ދިޔައީ އެހެނެއް ނޫން ކަމަށް ވެސް ޖަލީލް ވިދާޅުވި އެވެ. އެގޮތުން ރައީސް މުއިއްޒުގެ ކޮއްކޮ ނިލަންދޫ ދާއިރާގެ ގޮނޑިއަށް ހޮއްވެވުމަށް ޕްރައިމަރީގެ ވެސް
މާ ކުރިން ސަރުކާރުން މަސައްކަތް ފެށިކަން ޖަލީލް ފާހަގަކުރެއްވި އެވެ. އަދި ޕާޓީގެ
އަސާސީ ޤަވާއިދާ ވެސް ޚިލާފަށް އެކަމުގައި ކަންކަން ހިނގާދިޔަ ގޮތާމެދު ނުހަނު ބޮޑު
ކަންބޮޑުވުންތަކެއް ހުރިކަމަށް ޖަލީލް ވިދާޅުވި އެވެ.

ނުވިތާކަށް،
އިންތިޚާބާ ދިމާކޮށް ވޯޓު ލިސްޓު ވެސް އޮޅުވާލި ކަމަށާއި، އެކަން ވެސް ސާބިތު ކޮށްދެއްވާފައިވާނެކަމަށް
ޖަލީލް ވިދާޅުވި އެވެ.

މިއަދު ރައީސް މުއިއްޒުގެ ސަރުކާރަށް އޮތް ތާއީދު މުޅިން ގެއްލިފައިވާކަމަށް ފ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ، އަދި ނިލަންދޫ ކައުންސިލް ރައީސްކަން ވެސް ކުރައްވާފައިވާ މުހައްމަދު ޖަލީލް ވިދާޅުވެއްޖެ

މި ސަރުކާރުގައި
ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްނުދާ ކަމަށާއި ކައުންސިލު އިންތިޚާބާ ދިމާކޮށް
އެތައް މަސައްކަތެއް މި ސަރުކާރުން ފަށާފައިވީ ނަމަވެސް، ނަތީޖާއެއް ނެރެވޭ ސްޕީޑުގައި
މަސައްކަތެއް ނުކުރެވޭ ކަމަށް ޖަލީލް ވިދާޅުވި އެވެ. އަދި މަސައްކަތެއް ނުހިނގާއިރު،
އިންތިޚާބާ ދިމާކޮށް ކަޑަޖަހާ އުސޫލުން ކަންކަން ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވި
އެވެ.

ކުރިން ވަރަށް
އެކުވެރި ރައްޔިތުންތަކެއް ދިރިއުޅުނު ރަށެއްގެ ގޮތުގައި ނިލަންދޫ އޮތް ނަމަވެސް ޑިމޮކްރަސީއާއެކު
ޕާޓީ ނިޒާމު ތައާރަފްވެގެން ދިޔަ ފަހުން ވަރަށް ބޮޑަށް ބައިބައިވުން އައިސްފައިވާ
ކަމަށް ވެސް ޖަލީލް ވިދާޅުވި އެވެ.