ބ. ގޮއިދޫގައި ބޭނުންކުރަމުންދާ އިންޖީނުގެއަކީ ގަދީމީ އިންޖީނުގެ އެއް ކަމަށާއި، އޭގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝިޔާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ޝިޔާން ވިދާޅުވީ، މިހާރު ބޭނުންކުރަމުންދާ އިންޖީނުގެއަކީ ކުރިން ރައްޔިތުން އެޅި އިޖުތިމާއީ މަރުކަޒެއް ކަމަށެވެ. އަދި ކުރިން އަތިރިމަތި ނުވަތަ ހޯރަގަނޑު ސަރަހައްދުގައި ހުރި ބާ އިންޖީނުގެ އަށް އިޝާރާތް ކުރައްވައި ޝިޔާން ވިދާޅުވީ، މި އިމާރާތަށް އިންޖީނުތައް ބަދަލުކުރީ ސުނާމީ ކާރިސާއާ ގުޅިގެން ވަގުތީ ގޮތަށް ކަމަށެވެ. ނަމަވެސް އޭގެފަހުން އެތައް ވެރިކަމެއް ބަދަލުވެގެން ދިޔައިރު ވެސް އެތަން ހުރީ ހަމަ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއީ ސަރުކާރުން އަޅާފައި ހުރި އިމާރާތެއް ނޫން. މިއީ ރައްޔިތުންގެ އިމާރާތެއް. މިހާރު އޭގެފަހުން ކިތައް ވެރިކަން މިދިޔައީ. ހަމަ މިގޮތަށް މިހުރީ
މުހައްމަދު ޝިޔާން

އިންޖީނުގޭގެ ހާލަތާ ގުޅޭގޮތުން ޝިޔާން އިތުރަށް ވިދާޅުވީ، އެތަނުގައި ރަނގަޅު ފާޚާނާއެއް ވެސް ނެތް ކަމަށާއި، ތެޔޮ ރައްކާކުރަން ޖެހިފައިވަނީ ކަޅު ހަންތަކުގައި ކަމަށެވެ. މީގެއިތުރުން، އިންޖީނުގޭގެ ދުންހޮޅިތައް ހުންނަނީ ގޭގެއާ ދިމާލަށް ކަމުން އެ ސަރަހައްދުގެ ގަސްތައް ކަޅުވެ، މީހުން އުޅޭ ސަރަހައްދުގައި އަޅާފައިވާ ގެތަކުގައި މީހުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުވައްޒަފުންގެ ހާލަތަށް އިޝާރާތް ކުރައްވައި ޝިޔާން ވިދާޅުވީ، އެންމެންނަށް އެކީގައި ތިބެވޭނެ ޖާގަ ނެތުމުން، މުވައްޒަފުން އަރާމުކޮށްލުމަށް އަމިއްލައަށް އެތަނުގައި ހަޓެއް ގޮތަށް ވަކި ބައެއް ހަދާފައިވާ ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެޅި އާރްއޯ ޕްލާންޓު ހުންނަ ސަރަހައްދުގައި މިހާރު ބައެއް މުވައްޒަފުން މަސައްކަތްކުރަމުން އަންނައިރު، އޮފީސް ބައި މިހާރު ތަޅާލާފައިވާ ކަމަށް ޝިޔާން ވިދާޅުވި އެވެ.