މަސްތުވާތަކެތީގެ މައްސަލައެއްގައި ދެއްވަދޫއިން މީހަކު ހައްޔަރުކޮށްފި އެވެ.
ހޮނިހިރު ދުވަހު ފުލުހުން ބުނެފައިވަނީ އަސަރީގެ، ގއ. ކޮލަމާފުށި، މުހައްމަދު ސާއިފް އަލީ (26އ.) ހައްޔަރު ކުރީ ސެޕްޓެމްބަރު 24 ވަނަ ދުވަހު ދެއްވަދޫ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައި ކަމަށެވެ.
އެގޮތުން، އެ ރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި އޭނާ އާއި އޭނާ ހުރި ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފޮއިލްކޮޅަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 48 ގުރާމް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މުހައްމަދު ސާއިފް އަލީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.