ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

ހޮނިހިރު ދުވަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު އާޒިމް ވިދާޅުވީ، ރަސްމާލެއިން ބޮޑު ބިމެއް ބޭރު ބަޔަކަށް ދޫކޮށްލީ ހަގީގަތުގައި ކުއްޔަށް ނޫން ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް އެ ބިން ދުވަހަކު ވެސް އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް އެއްބަސްވުމުގައި މާއްދާތައް ހިމަނާފައިވާ ކަމަށް އާޒިމް ތުހުމަތު ކުރެއްވި އެވެ. 

އާޒިމް ވިދާޅުވީ  ހަމައެކަނި އެއްބަސްވުމުގެ ބޭރުގަނޑުގައި "ކުއްޔަށް ދިން އެއްބަސްވުން" ޖަހާލުމަކުން އެއީ ކުލީ އެއްބަސްވުމަކަށް ނުވާނެ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމެއް ގޮތުގައި އާޒިމް ސިފަކުރެއްވި އެވެ. 

އާޒިމް އިތުރަށް ވިދާޅުވީ، މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ މިހާރުގެ ޖީލަށާއި، އަންނަން އޮތް މާދަމާގެ ޖީލުތަކަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއް ކަމަށެވެ. 

މީގެ އިތުރުން، ދިވެހި ފަސްގަނޑާއި ދިވެހިންގެ މުސްތަގުބަލު ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ހަދާފައިވާ މި ނުރައްކާތެރި އެއްބަސްވުން ވަގުތުން ވަގުތަށް ބާތިލްކުރަން އާޒިމް ގޮވާލެއްވި އެވެ. 

ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުން ވެލިފުކެއްގެ މިންވަރު ވެސް ބޭރުގެ އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް، އެ ބިން ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދޫކުރަން ނިންމާފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ، މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ އާންމު ރައްޔިތުން އަދި ސިޔާސީ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ. 

މި އެއްބަސްވުމުގެ ދަށުން ރަސްމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ބައިނަލްއަޤްވާމީ ފެންވަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއް ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވެ އެވެ.