ދީނީ ދައުވަތުގެ
މަސައްކަތްކުރާ ޖަމިއްޔާތަކަށް އެކިއެކި ވަސީލަތްތައް ހޯދައިދިނުމަށްޓަކައި ފާއިތުވެދިޔަ
ދެ އަހަރު ދުވަހުގެ ތެރޭގައި 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް އިސްލާމީކަންތައްތަކާއި
ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފި އެވެ.
ޖަމިއްޔާތަކުގެ
އަހަރީ ބައްދަލުވުން ފެށުމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން
ޑރ. ޝަހީމް ވިދާޅުވީ، ދީނީ ދައުވަތުގެ މަސައްކަތްކުރާ ޖަމިއްޔާތަކަކީ ރާއްޖޭގެ
އިސްލާމީ ހަރުދަނާކަން ދެމެހެއްޓުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކެއް
ކަމަށެވެ.
އެގޮތުން މި ޖަމިއްޔާތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު އިސްކަމެއް
ކަމަށާއި ފާއިތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 1.2 މިލިއަން ރުފިޔާ
މި ކަންކަމަށް ހޭދަކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ފައިސާގެ
ތެރެއިން އިސްލާމީ ސްޓޫޑިއޯތައް ގާއިމުކުރުމަށާއި، ޤުރުއާން ކްލާސްތަކަށް ބޭނުންވާ
ވަސީލަތްތައް ހޯދައިދިނުން ފަދަ މުހިންމު ކަންކަމަށް ހޭދަކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވި
އެވެ.
ދީނީ ދައުވަތުގެ
މަސައްކަތްކުރާ ޖަމިއްޔާތަކުން ކުރައްވާ މަސައްކަތަކީ ރާއްޖޭގެ ޒުވާނުންނާއި އާންމުންނަށް
އިސްލާމްދީނުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ
މަސައްކަތްތަކެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އިސްލާމިކް މިނިސްޓަރު ވިދާޅުވީ،
ދީނީ ޖަމިއްޔާތަކަށް އެހީތެރިވެދިނުމުގެ މަސައްކަތް ކުރިއަށްއޮތް ތަނުގައި ވެސް ސަރުކާރުން
ކުރިއަށް ގެންދާނެކަމަށާއި، މި ޖަމިއްޔާތަކުން ކުރާ މަސައްކަތަކީ ޤައުމީ މުހިންމު
މަސައްކަތެއް ކަމަށެވެ.
މި
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ، އިސްލާމީ ދައުވަތުގެ
މަސައްކަތް މުޅި ރާއްޖޭގައި ކުރެވޭނީ އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެންކަން
ފާހަގަކުރައްވާ އިސްލާމީ ދައުވަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ މިފަދަ
ޒަމާނެއްގައި އެކުވެރިކަމާއެކު ކުރެވޭ މަސައްކަތްތަކަކީ ކާމިޔާބު
މަސައްކަތްތަކަކަށް ވެގެންދާނެކަމަށް ވިދާޅުވެފަ އެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ވާން ޖެހޭނީ އެއްބަޔަކު އަނެއްބަޔަކު ފުރިހަމަކޮށްދޭ ބަޔަކަށްކަމަށް ވެސް ވިދާޅުވި އެވެ.
އަދި
ފާއިތުވެދިޔަ ދެތިން އަހަރު ދުވަހުގެތެރޭގައި އިސްލާމީ ދާއިރާގައި މަސައްކަތްކުރާ
ޖަމިއްޔާ ޖަމާއަތްތަކާއެކު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން
ވަރަށް ގާތުން މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާނެކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ޖަމިއްޔާތަކުގެ
އަހަރީ ބައްދަލުވުމުގައި ދީނީ ދައުވަތުގެ ދާއިރާއިން މަސައްކަތްކުރާ އެކި ޖަމިއްޔާތަކުގެ
ވެރިންނާއި މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މި ބައްދަލުވުމުގައި ޖަމިއްޔާތަކުން
ކުރިއަށްގެންދާ މަސައްކަތްތަކާއި، އެ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާއި،
އެކަންކަމަށް ހައްލު ހޯދުމާއި ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.
މިއަހަރުގެ
މި ބައްދަލުވުމުގައި 53 ޖަމިއްޔާއަކުން 60 އަށްވުރެ ގިނަ މަންދޫބުން
ބައިވެރިވެފައިވެ އެވެ. މި ބައްދަލުވުމުގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ
’21 ވަނަ ޤަރުނުގައި އިސްލާމީ ދައުވަތު' މި މައުޟޫއުއަށެވެ.