15 ވަނަ "ޔުނައިޓެޑް ނޭޝަންސް ކޮންގްރެސް އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް" ގައި ދިވެހިރާއްޖޭގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް އައްބާސް ޝަރީފް ބައިވެރިވެވަޑައިގަންނަވާނެކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.
މި ކޮންގްރެސް ކުރިއަށްދާނީ 26 ސެޕްޓެމްބަރު 2026 އިން ފެށިގެން 1 އޮކްޓޫބަރު 2026 ގެ ނިޔަލަށް އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީ ނޭޝަނަލް އެގްޒިބިޝަން ސެންޓަރުގައިކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ. މި ކޮންގްރެސްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އިތުރުން، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ހުސައިން ސާމީ ބައިވެރިވެވަޑައިގަންނަވަ އެވެ.
މިއަހަރުގެ ކްރައިމް ކޮންގްރެސްގެ ތީމަކީ "އެކްސެލެރޭޓިންގ ކްރައިމް ޕްރިވެންޝަން، ކްރިމިނަލް ޖަސްޓިސް އެންޑް ދަ ރޫލް އޮފް ލޯ – ޕްރޮޓެކްޓިންގ ދަ ޕީޕަލް އެންޑް ދަ ޕްލެނެޓް، އެންޑް އެޗީވިންގ ދަ 2030 އެޖެންޑާ ފޯރ ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް އިން ދަ ޑިޖިޓަލް އޭޖް" އެވެ.
މިއަހަރުގެ ކޮންގްރެސްގައި، ކުށްކުރުން ހުއްޓުވުމަށް ކުރިމަތިވަމުންދާ ޒަމާނީ ދަތިތަކާއި ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު އިތުރުވަމުންދާ ކުށުގެ ބާވަތްތަކާއި އަދުލު އިންސާފަށް ވާސިލުވުން ފަސޭހަކުރުމާއި، ކުށްކުރުމާ ދެކޮޅަށް ޒިންމާދާރުކަމާއެކު ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާ ގުޅޭގޮތުން ޤައުމުތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރެވޭނެ އެވެ.
މިއަހަރުގެ ކްރައިމް ކޮންގްރެސްގެ މައިގަނޑު 3 ސެޝަނެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޝެޝަންތަކަކީ:
1. ކޮންގްރެސްގެ މަތީ ފެންވަރުގެ ބައްދަލުވުން – 26-27 ސެޕްޓެމްބަރު 2026
2. ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯރކް (SEAJust) ގެ އެންސިލަރީ މީޓިންގ – 27 ސެޕްޓެމްބަރު 2026
3. "އެންޝުއަރިންގ އީކުއަލް ޖަސްޓިސް ފޯރ އޯލް، ޓްވޯރޑްސް ސޭފް އެންޑް ސެކިއުރ ސޮސައިޓީސް ވައިލް ރެސްޕެކްޓިންގ ދަ ރޫލް އޮފް ލޯ" މި ސުރުޚީގެ ދަށުން ކުރިއަށްގެންދާ ވޯކްޝޮޕް – 28 ސެޕްޓެމްބަރު 2026
ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާހަކަފުޅުގައި ކުށްކުރުމާ ދެކޮޅަށް ދިވެހިރާއްޖެއިން ހޯދަމުންދާ ކާމިޔާބީތަކާއި ދިމާވަމުންދާ ދަތިތަކާއި ކުށްކުރުމާ ދެކޮޅަށް މަސައްކަތްކުރުމުގައި ޒަމާނީ ޓެކޮނޮލޮޖީ ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާނެ އެވެ. އަދި އަދުލު އިންސާފަށް ވާސިލުވުން ފަސޭހަކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާނެ އެވެ. އެގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އާންމުނަށްދޭ އެންމެހައި ޚިދުމަތްތައް އޮންލައިންކޮށް ހޯދޭގޮތަށް ފަރުމާކޮށްފައިވާ އެ އޮފީހުގެ ވާރޗުއަލް ދޮރޯށި، "އީ-ދޮރޯށި" އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްޕޮމޭޝަން މަޝްރޫޢު ޕީޖީއޯ 2.0، ކޮންގްރެސްގެ މަންދޫބުންނަށް ތައާރަފްކޮށްދޭނެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ.
އުނައިޓެޑް ނޭޝަންސް ކޮންގްރެސް އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސްއަކީ އެކުވެރި ދައުލަތްތަކުގެ މެދުގައި ކޮންމެ 5 އަހަރުން އެއް އަހަރު ބާއްވާ ބައިނަލްއަޤްވާމީ ފޯރަމެކެވެ.