ދ.ޗބަނޑިދޫގައި ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކަމަށް އެ ރަށުގެ ކައުންސިލުން ބުނެފި އެވެ.
ހޮނިހިރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބަނޑިދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އީސަ ވިދާޅުވީ، ރައްޔިތުން އެދޭ ގޮތަށް ގިނަ މަޝްރޫއުތަކެއް ކުރީ ސަރުކާރުގައި ހިންގާފައިވާ ކަމަށާއި، ވަރަށް ގިނަ މަޝްރޫއުތައް ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންގެ މަޝްވަރާގެ މަތިން ކަމަށެވެ.
އީސަ ވިދާޅުވީ ވޭތުވެދިޔަ ރައީސް ސޯލިހުގެ ވެރިކަމުގައި ނަރުދަމާ ނިޒާމާއި، ފެނަކަ އޮފީސް އަދި ކޯޓު އިމާރާތް ފަދަ ގިނަ ބޮޑެތި މަޝްރޫއުތަކެއް އެ ރަށުގައި ހިންގާފައިވާ ކަމަށެވެ. އެއީ މިހާތަނަށް އެ ރަށަށް އެންމެ ގިނަ ތަރައްގީގެ މަސައްކަތްތަކެއް ކޮށްދިން ދައުރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާދެ، ބަނޑިދޫގައި މިދިޔަ ވެރިކަމުގައި މިހާތަނަށް ބަނޑިދޫއަށް ކުރި އެންމެ ގިނަ މަސައްކަތްތަކެއް، ޕްރޮޖެކްޓްތަކެއް ހިންގާފައި ހުރި މިދިޔަ އެމްޑީޕީ ވެރިކަމުގައިއަހުމަދު އީސަ
މީގެ އިތުރުން އީސަ ވަނީ ރަށުގެ ތަރައްގީއަށް ކައުންސިލުން އެކުލަވާލާފައިވާ ޕްލޭނަށް ވެސް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވާފަ އެވެ.
އީސަ ވިދާޅުވީ އެ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބާރުއަޅާ ކަމަށާއި، އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދަނީ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކަމަށެވެ.
ވޭތުވެދިޔަ 25 އަހަރު ތެރޭގައި އެ ރަށުން ގޯތި ދޫކޮށްފައި ނުވާކަން ފާހަގަކުރައްވައި އީސަ ވިދާޅުވީ، ކުރިއަށް އޮތް މަސްތެރޭގައި ހައްގުވެރިންނަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާނެ ކަމަށެވެ. މި ގޯތިތައް ދޫކުރުމުން ބިމުގެ ޖާގައަށް ދަތިކަމެއް އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންކަމުން ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ރަށުގެ ބިން ހިއްކައިދިނުމަކީ ނުވަތަ ރަށް ގިރާ ސަރަހައްދު ހިމާޔަތް ކޮށްދިނުމަކީ ރައްޔިތުންގެ އެންމެ ބޮޑު އުންމީދު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަށުން 10 ހެކްޓަރުގެ ބިން ހިއްކައިދީފިނަމަ ރަށުގެ ތަރައްގީއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ވެސް އީސަ ވިދާޅުވި އެވެ.