ދިވެހިރާއްޖޭގެ
މަތީ މަރުހަލާގެ ކޯޓު، ސުޕްރީމް ކޯޓަށް ޚާއްސަ އަމިއްލަ އިމާރާތެއް ބިނާކުރުމަށްޓަކައި
މާލޭގެ އެންމެ މުހިންމު އެއް ސަރަހައްދުން ބިމެއް ހަމަޖެހިފައިވާކަން އުއްތަމަ ފަނޑިޔާރު
އަބްދުލްޣަނީ މުހައްމަދު ހާމަކުރައްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު މިކަން ހާމަކުރެއްވީ އައު ޤާނޫނުއަސާސީގެ
ދަށުން ސުޕްރީމް ކޯޓު އުފެދުނުތާ 18 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ބޭއްވި
ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި
ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ސުޕްރީމް ކޯޓުގެ އައު އިމާރާތް
ބިނާކުރުމަށްޓަކައި މާލެއިން ބިން ހަމަޖެހިފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ
8 ވަނަ ދުވަހު ކަމަށެވެ. މާލޭގެ އެންމެ "ޕްރައިމް" އެއް ލޮކޭޝަނުން ބިމެއް
ހަމަޖެހުމާއެކު، ސުޕްރީމް ކޯޓަށް އަމިއްލަވަންތަ ހިޔާވަހިކަމެއް ލިބުމުގެ އުއްމީދު
އައުވެފައިވާ ކަމަށާއި، އެ އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް
އުންމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކޯޓުތަކަށް
ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް
އަލިއަޅުއްވާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ
މަސައްކަތް މިއަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފައިވާ
ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ޤަޟާއީ އަހަރުގެ މަސައްކަތްތައް އެ ކޮމްޕްލެކްސްގައި
ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
އަދުލު އިންސާފުގެ
ނިޒާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ކޯޓުތަކެއް ހުރުމުގެ އަސްލު ބޭނުމަކީ ރައްޔިތުންނަށް
އަދުލު އިންސާފު ފޯރުކޮށްދިނުންކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އެގޮތުން
އިންސާފު ފޯރުކޮށްދިނުން އެކަށީގެންވާ އަވަސްމިނެއްގައި ކަށަވަރުކުރުމަކީ މިވަގުތު
އޮތް އެންމެ ބޮޑު ޒިންމާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި މަގުސަދު
ހާސިލުކުރުމަށްޓަކައި، މުޅި ރާއްޖޭގެ ހުރިހާ ކޯޓެއްގައި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ
މައްސަލަތައް ނުނިމި ހުރި ސަބަބުތައް ދެނެގަނެ، އެ ސަބަބުތައް ނައްތާލުމުގެ މަސައްކަތް
މިހާރު ކުރިއަށްދާކަން ވެސް އެމަނިކުފާނު ހާމަކުރެއްވި އެވެ.
އުއްތަމަ
ފަނޑިޔާރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން
ޤާނޫނުއަސާސީއާއި ޤާނޫނުގެ ވެރިކަން ނަގަހައްޓައި، އަދުލުވެރި ނިޒާމެއް ބިނާކުރުމުގައި
އެންމެން އެކުގައި ދެމިތިބުމަށް އިލްތިމާސް ކުރައްވަމުންނެވެ.
ސުޕްރީމް ކޯޓަށް އަމިއްލަ
އިމާރާތެއް ހަމަޖެހުމަކީ ރާއްޖޭގެ ޝަރުޢީ ދާއިރާ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތަށް
ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.