ރަސްމާލޭގައި ހިންގާ އީގަލް ހިލްސް މަޝްރޫއަކީ ޒަޔަނިސްޓުންގެ ޖީލުތަކަކަށް އިމާރާތްތައް ލިބޭގޮތައް ފަރުމާކޮށް، ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރެވޭނެ ގޮތަށް ހިންގޭ އަނދިރި ޖަރީމާއެއް ކަމަށް ޝެއިޚް ފަޒްލޫން ބިން މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދީނީ އިލްމުވެރިޔާ ފަޒްލޫން ވިދާޅުވީ، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އީގަލް ހިލްސްއަށް ދިނުމަށް ސަރުކާރުން ސޮއިކޮށްފައިވާ ޑީލްގެ ވަށައިގެންވާ ކަންކަމަށް ބަލާލުމުން ފެންނަނީ ބޮޑެތި ކަންބޮޑުވުންތަކެއް ކަމުގަ އެވެ.
ކުއްލި ގޮތަށް ސަރުކާރުން އިއުލާނުކުރި އީގަލް ހިލްސްގެ މަޝްރޫއާ ބެހޭ ގޮތުން އެ ކުންފުނީގެ ވެބްސައިޓުގައިވާ މައުލޫމާތައް އިޝާރާތްކުރައްވާ ފަޒްލޫން ވިދާޅުވީ، އެތަން ދެނީ 99 އަހަރުގެ މުއްދަތަކަށް ކަމަަށާއި އަދި އެތަނުގެ ޕުރޮޕަޓީއެއްގެ ވެރިފަރާތް ބަދަލުވާ ކޮންމެ ފަހަރަކު އާ ވެރިފަރާތަށް 99 އަހަރަށް އެތަން ލިބޭ ގޮތަށެވެ.
"98 ވަނަ އަހަރު ވާރުތައިގެ ގޮތުން ނުވަތަ ގަނެގެންވިޔަސް އާ ވެރިޔަކަށް އެ ޕޮރޮޕަޓީ ލިބިއްޖެނަމަ އެތަން އެމީހަކަށް އިތުރު 99 އަހަރަށް ލިބޭ ގޮތަށްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އެމީހުންގެ ވެބްސައިޓުގައިވާގޮތުންނަމަ މިއީ ނިމުމެއް ނެތި ކުރިއަށްދާނޭ ސިލްސިލާއެކެވެ."
ފަޒްލޫން ވިދާޅުވީ، މިއީ އީގަލް ހިލްސްގެ ވެރިޔާގެ އެކުވެރި ޒަޔަނިސްޓުނައްވެސް ދިވެހިރާއްޖޭގެ އިމާރާތްތައް ވިއްކައި އެ އިމާރާތްތައް ޒަޔަނިސްޓުންގެ ޖީލުތަކަކަށް ލިބޭގޮތައް ފަރުމާކޮށް، ދިވެހި ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރެވޭނެ ފަދައިން ހިންގޭ އަޑި ނޭގޭ އަނދިރި ޖަރީމާއެއް ކަމަށެވެ.
"މިއަދު މިކަމާ ދެކޮޅު ނަހަދައިފިނަމަ މާދަމާ ހިތާމަކުރަންޖެހޭނެއެވެ. ގައުމުގެ އަމްނާ އަމާންކަމާ އިސްތިގުލާލު ގެއްލިގެން ދިއުމުގެ ކުރިން މިކަމާ ދެކޮޅުހަދަންޖެހެއެވެ." ފަޒްލޫން ވިދާޅުވި އެވެ.
އީގަލްސް ހިލްސް އާއެކު ރައީސް މުއިއްޒުގެ ސަރުކާރުން ހެދި އަޑި ނޭނގޭ ޑީލްއާ މެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މި ޑީލުގެ ދަށުން ސަރުކާރުގެ ބައެއް ވެރިންނަށް ބޮޑެތި އަދަދުތަކުން ރިޝްވަތު ލިބިފައިވާ ކަމުގެ ތުހުމަތުވެސް އަންނަނީ ކުރެވެމުންނެވެ.
500 ހެކްޓަރުގެ މާ ސިންގާ ސަރަހައްދެއް ރަސްމާލޭން ޒަޔަނިސްޓުންނާ ގުޅުން އޮންނަ ކުންފުންޏަކަށް ރައީސް މުއިއްޒު ދެއްވަން ނިންމެވި އިރު، ކުރިން ވިދާޅުވެފައިވަނީ ރަސްމާލޭގެ އެންމެ ވެލި ފުކެއްވެސް ބޭރުގެ ބަޔަކަށް، ކުއްޔަށް ވިޔަސް އެ ނޫން ގޮތަކަށް ވިޔަސް ކުރުމުއްދަތުގެ އެއްބަސްވުމުގެ ދަށުން ވިޔަސް ނުދެއްވާނެ ކަމުގަ އެވެ.