ދ. މީދޫގައި ރާއްޖެޓީވީގެ ޓީމުން ޕްރޮގްރާމެއް ޝޫޓްކުރަމުން ދަނިކޮށް، އެ ޓީމަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ރަސްމީކޮށް ފުލުހުންނަށް ހުށަހަޅަން ދިއުމުން، ރަސްމީ ދުވަހެއްގެ ރަސްމީ ގަޑީގައި އައުމަށް ފުލުހުންގެ ރިސެޕްޝަނުން އަންގައިފި އެވެ.

ހޮނިހިރު ދުވަހު މި މައްސަލަ ރަސްމީކޮށް ފުލުހުންގެ އިދާރާއަށް ހުށަހެޅުމަށް ރާއްޖެ ޓިވީގެ ސްޓޭޝަންގެ މުވައްޒަފަކު ދިއުމުން، ރިސެޕްޝަނުގައި އެވަގުތު އިން ފުލުހުންގެ މުވައްޒަފު ވަނީ ގެންދިޔަ ސިޓީ އަތަށް ނެގުމަށްފަހު، އެ މައްސަލަ ބަލައިނުގަނެ ރަސްމީ ދުވަހެއްގެ ރަސްމީ ގަޑީގައި އައުމަށް އަންގާފަ އެވެ.

25 ސެޕްޓެމްބަރ 2026 ގައި ދ. މީދޫގައި ރާއްޖެޓީވީގެ ޕްރޮގްރާމެއްގެ އިންޓަވިއުއެއް ނެގުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އާއިލީ ބޭފުޅެއް ކަމަށްވާ އަބްދުﷲ ލަތީފް އާއި ޕީއެންސީގެ ބަޔަކު އެތަނަށް އައިސް ވަނީ ރާއްޖެޓީވީގެ ޓީމަށާއި، އެ ޓީމާއެކު މަސައްކަތް ކުރަމުން ދިޔަ އެ ރަށުގެ ރައްޔިތުންނަށް ހަމަލާދީ މާރާމާރީ ހިންގާފަ އެވެ.

މީގެއިތުރުން، މަގުމަތީގައި އަޑުގަދަކޮށް، ހަޑިހުތުރު އެއްޗެހި ގޮވައި އާންމު މަސްލަހަތު ގެއްލުވާލުމުގެ އިތުރުން، މީދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަލީ ޝަރީފް ވަނީ އެވަގުތު ވީޑިއޯ ކުރަމުންދިޔަ ރާއްޖެޓީވީގެ ކެމެރާމަން އިށީނދެގެން އިން ގޮނޑީގައި ސައިކަލުން ޖައްސައި، ޓީވީގެ އިކުއިޕްމަންޓްތަކަށް ގެއްލުން ދިނުމަށް ވެސް މަސައްކަތްކޮށްފަ އެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅަން ރާއްޖެޓީވީން ނިންމީ މީގެ ކުރިން ވެސް ސިޔާސީ އެކި މަގުސަދުތަކުގައި އެ ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ދީ، ސްޓޭޝަންގައި އަލިފާން ރޯކޮށްލައި، އަދި މުވައްޒަފުންނަށް ހަމަލާދީ ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރު ދިނުމުގެ އެތައް ކަމެއް ކުރިމަތިވެފައިވާތީ އެވެ. އަދި މިފަދައިން ދެވޭ ހަމަލާތަކަކީ ނޫސްވެރިންގެ ފުރާނައަށާއި ސަލާމަތަށް އޮތް ވަރަށް ސީރިއަސް ނުރައްކަލެއް ކަމަށް ދެކޭތީ ކަމަށް ވެސް ރާއްޖެޓީވީން ފާހަގަކުރެ އެވެ.

އެހެންކަމުން، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކޮށްދިނުމަށާއި، ރާއްޖެޓީވީގެ މުވައްޒަފުންނަށް މިފަދަ އެއްވެސް ނުރައްކަލެއް ނެތްކަން ކަށަވަރުކޮށްދީ، މުވައްޒަފުންނަށް ދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެޓީވީން ފުލުހުންނަށް މި މައްސަލަ ރަސްމީކޮށް ހުށަހަޅަން ދިއުމުން ރަސްމީ ގަޑީގައި އައުމަށް އަންގާ އެ މައްސަލަ ބަލައިގެންފައެއް ނުވެ އެވެ. 

ނަމަވެސް، މިފަދަ މައްސަލަތަކަކީ ފުލުހުންގެ ރަސްމީ ވަގުތުތަކަށް އެކަނި ބަލައިގެން ފިޔަވަޅު އެޅޭނެ ކަންކަން ނޫން ކަމަށް ރާއްޖެޓީވީން ދެކެ އެވެ. އަދި މީހެއްގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ނުވަތަ ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ އެފަދަ ނާޒުކު ހާލަތްތަކުގައި، އެގޮތަށް އަމަލުކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނޭ ކަމެއް ނޫނެވެ.