ރަސްމާލެ ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫއަކީ ސަރުކާރުން އެއްވެސް ސޮވްރިން ގެރެންޓީއެއް ދީގެން، ނުވަތަ ލޯނެއް ނަގައިގެން އަދި ޓެކްސް ކޮންސެޝަނެއް ނުވަތަ ޑިއުޓީ އެކްސެޕްޝަނެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، އެތަނުން ބިން ދޫކުރަނީ ހަމައެކަނި ކުއްޔަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ނޭޝަން ޗެޓް" ގައި ހުކުރު ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކުކޮށް ނުދޭނެ ކަމަށާއި އެއީ ޤާނޫނުއަސާސީން ވެސް މަނާކުރާ ކަމެއް ކަމަށެވެ. އަދި ކުރީގެ ސަރުކާރަކުން ޤާނޫނުއަސާސީ ބަދަލުކޮށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތް ހެދި ނަމަވެސް، ފަހުން އެ މާއްދާ އުވާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ އެއްވެސް އިންވެސްޓްމަންޓެއްގައި ޤާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ބިން މިލްކު ނުކޮށްދީ ގެނެވެން އޮތް އެންމެ ގިނަ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.

މިތަނުގެ ބިން އެއްވެސް ފަރާތަކަށް މިލްކުވާކަށް ހަމަ ގައިމުވެސް އަޅުގަނޑު ފުރުސަތެއް ނުދޭނަން. މިލްކު ނުވެ މިތަނަށް ގެނެވޭނެ އެންމެ ގިނަ އިންވެސްޓްމެންޓްތައް ގެންނަން އަޅުގަނޑު ބޭނުން ވަނީ. އެހެންވީމަ މިގޮތަށް މުޅި ޕްރޮޖެކްޓް ރޭވިފަވެސް މިއޮތީ
ރައީސް މުއިއްޒު

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ވިދާޅުވީ، އެއީ ޤައުމަށް ފައިދާއެއް ވާން އުޅޭ ކޮންމެ ފަހަރަކު ހުރަސްއެޅުމުގެ ގޮތުން ދައްކާ ވާހަކަތަކެއް ކަމަށެވެ. މި މަޝްރޫއު ހުއްޓުވަން ކުރިމަތިކުރާ އެއްވެސް ހުރަހަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއުގެ ސަބަބުން ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އެއްވެސް ފުރުސަތަކަށް ނުވަތަ އެތަނުން ދޭން ނިންމާފައިވާ ގޯއްޗަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މުޅި މަޝްރޫއު އެއްކޮށް ނިންމުމަށް ގާތްގަނޑަކަށް 10 އަހަރު ދުވަސް އަންދާޒާ ކުރެވުނު ނަމަވެސް، އަސާސީ ޚިދުމަތްތައް މާ އަވަހަށް ނިމިގެންދާނެ ކަމަށެވެ.

އެގޮތުން، މި އަހަރުގެ ތެރޭގައި ރަސްމާލޭގެ ބިން ހިއްކާ ނިންމުމަށް މަސައްކަތް ކުރަމުންދާއިރު، ބިން ހިއްކާ ނިމެންވާއިރަށް ފެނާއި ނަރުދަމާއާއި ކަރަންޓާއި އަދި މަގު ހެދުން ފަދަ ޔުޓިލިޓީސްގެ މަސައްކަތްތައް ބަޔަކާ ހަވާލުކޮށް، އަންނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ހާމަކުރެއްވި އެވެ.

މި މަޝްރޫއަކީ ރާއްޖޭގެ އިގުތިސާދާއި ޖީޑީޕީ މުޅިން އައު އުސްމިންތަކަކަށް ގެންގޮސްދީ، އެތައް ހާސް ވަޒީފާއަކާއި ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ރައްޔިތުންނަށް ފަހިކޮށްދޭނެ މަޝްރޫއަކަށް ވެގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ނޭޝަން ޗެޓް" ގައި ހުކުރު ދުވަހުގެރޭ ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގެ ބިން އެއްވެސް ފަރާތަކަށް މިލްކުވާކަށް ހަމަ ގައިމު ވެސް އެމަނިކުފާނު ފުރުސަތެއް ނުދެއްވާނެ ކަމަށް ވިދާޅުވިއިރު، އީގަލް ހިލްސްއަށް ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތަށެވެ. ނަމަވެސް، އެ ބިން ވިއްކާލާއިރު ނުވަތަ ވާރުތަވާ ހާލަތްތަކުގައި، 99 އަހަރުގެ މުއްދަތު އަލުން އިއާދަވެގެންދެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މިއީ ނިމުމެއް ނެތް ދާއިމީ މުއްދަތަކަށް ބަދަލުވެގެންދެ އެވެ. އޭރުން ދިވެހިރާއްޖޭގެ ބިމުން 5.2 މިލިއަން އަކަމީޓަރުގެ ބޮޑު ސަރަހައްދެއް، ބޭރުގެ ފަރާތަކަށް ދާއިމީ ގޮތެއްގައި މިލްކުވެގެން ދާނެ އެވެ.

މި މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމުގައި ބުނި ނަމަވެސް، މިއީ 20 ބިލިއަން ޑޮލަރު އެއްފަހަރާ ރާއްޖެއަށް އެތެރެކުރެވޭނެ މަޝްރޫއެއް ނޫނެވެ. އަދި މިކަމަށް ފައިސާ ހޯދާނެ ގޮތުގެ ދެފުށް ފެންނަ، އިތުބާރުހުރި ނިޒާމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.