ޤައުމުގެ ހަޒާނާ ކާލައިގެން ހުރި މީހަކަށް ދެން މި ޤައުމުގެ ވެރިކަމުގެ ވަސްވެސް ދުވާ ހިސާބަކަށް ނާދެވޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވީ، މި ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަކީ ރައްޔިތުންގެ މުސްތަޤުބަލުން ކުރާ ވައްކަމެއް ކަމަށް ސިފަކުރައްވައި ރައީސް ޔާމީން ވާހަކަފުޅު ދެއްކެވި ޚަބަރެއްގެ ސްކްރީންޝޮޓް ހިއްސާކުރައްވަމުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، މިހާރު މި ވިއްކާލަނީ ރައްޔިތުންގެ މުސްތަޤުބަލް ކަމަށާއި، މިއީ އެއްވެސް ޤާނޫނަކުން ސަރުކާރަކަށް ލިބިދީފައިވާ މެންޑޭޓެއް ނޫން ކަމަށެވެ. އަދި މިއީ ޤާނޫނާ ޚިލާފު އެއްބަސްވުމަކަށް ވާތީ، ދެން އަންނަ ސަރުކާރަކުން އެ އެއްބަސްވުމަށް ޒިންމާވާން ނުޖެހޭނެ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ޔާމީންގެ އެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، މި  ޤައުމުގައި ދުވަހަކު ވެސް ހިންގާފައި ނުވާފަދަ ބިޔަބޮޑު ޕްރޮޖެކްޓެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވަން ނިންމެވުމުން، ރައީސް ޔާމީނުގެ "މޭކަރާ ލޮލަށް ނިދިނައިސްގެން" އުޅެނީ މި ޤައުމާއި ރައްޔިތުންނަށް އެމަނިކުފާނުގެ ހިތްޕުޅުގައި އެއްވެސް ކުލުނެއް ނެތުމުން ކަމަށެވެ.

ތިކަހަލަ ޤައުމުގެ ޚަޒާނާ ކާލައިގެން ހުރި މީހަކަށް ދެން ވެރިކަމުގެ ވަސްވެސް ދުވާ ހިސާބަކަށް ނާދެވޭނެ. އިންޝާﷲ އަދި ތި ރާވާ ނުބައި އެއްވެސް ރޭވުމެއް ކާމިޔާބެއް ނުވާނެ
އިބްރާހީމް ފަލާހް

މީގެއިތުރުން ފަލާހު ވަނީ އަމިއްލަފުޅު ވެރިކަން ކުރެއްވި ގޮތް ހަނދާންކޮށްލެއްވުމަށްފަހު، "ކަރުދާސްކޮޅެއްގައި ރައީސްގެ ނަން ޖަހާލައިގެން ބޯދަށަށް ލައިގެން ނިދާލުމަށް" ޔާމީނަށް ގޮވާލައްވާފަ އެވެ. އަދި ޔާމީން އެގޮތަށް ވާހަކަފުޅު ދައްކަވަނީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި މި ޤައުމަށް ލިބެމުންދާ ކުރިއެރުމާއި ކާމިޔާބީ އެއްގޮތަކަށް ވެސް ހަޖަމުނުކުރެއްވިގެން ކަމަށް ވެސް ފަލާހު ތުހުމަތު ކުރެއްވި އެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންދާއިރު، ސަރުކާރުން ބުނަމުންދަނީ އެ މަޝްރޫއަކީ ރާއްޖޭގެ އިގުތިސާދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ތާރީޚީ ބޮޑު މަޝްރޫއެއް ކަމަށެވެ.