ރަސްމާލެ މަޝްރޫއާ ގުޅޭ މުހިންމު ލިޔެކިޔުންތަކެއް ގެއްލިގެން އުޅޭ މައްސަލައެއްގައި، ފުލުހުންގެ ފޮރެންސިކް ޓީމަކުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އަށް ވަދެ ތަހުގީގެއް ހިންގި ކަން ހާމަ ވެއްޖެ އެވެ. 

އިތުބާރު ހުރި މަސްދަރަކުން ރާއްޖެޓީވީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި، ފުލުހުންގެ ޓީމުން އެ މިނިސްޓްރީއަށް ވަދެފައިވަނީ ހުކުރު ދުވަހުގެ ރޭގަނޑު 7:30 ހާއިރު އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލާ ސުވާލު ކުރުމުން، އެފަދަ ކަމެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، ރަސްމާލެ މަޝްރޫއުގެ މުހިންމު ލިޔެކިޔުންތަކެއް ގެއްލިގެން އުޅޭ ކަމަށް ބެލެވޭތީ، ފުލުހުންގެ ފޮރެންސިކް ޓީމުން އެ މިނިސްޓްރީގައި ހަރަކާތްތެރިވިކަން މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ނިންމާފައިވާ އެއްބަސްވުމުގެ ދެފުށް ފެންނަ މިންވަރު ކުޑަވުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. މި އެއްބަސްވުމުގެ ދަށުން ދިގު މުއްދަތަކަށް ބިންތައް ދޫކޮށްފައިވާއިރު، ދައުލަތަށް ވަގުތުން ލިބޭނެ އާމްދަނީއެއް ނުވަތަ ރައްޔިތުންނަށް ލިބޭނެ ސީދާ މަންފާއެއް ސާފުކޮށް އެނގެން ނެތުމުން، މި މުއާމަލާތުން ހަގީގީ މަންފާ ލިބެނީ ކޮން ބަޔަކަށްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން ދައުލަތުގެ ޚަޒާނާއަށް 11 ބިލިއަން އެމެރިކާ ޑޮލަރު ވަންނާނެ ކަމަށާއި 54،000 ވަޒީފާ އުފެދޭނެ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، އެކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނުވަތަ އިގްތިސާދީ ދިރާސާއެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. މިނިސްޓްރީން ހާމަކުރާ މި އަދަދުތަކަކީ އެއްވެސް ތަފްސީލީ ތަފާސްހިސާބެއްގެ މައްޗަށް ބިނާވެފައިވާ އަދަދުތަކެއް ނޫން ކަމަށް ތަޖުރިބާކާރުން ފާހަގަކުރެ އެވެ.

އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމުގެ ގާނޫނީ އޮނިގަނޑު އޮތްގޮތުން، ރާއްޖޭގެ އިސްތިގުލާލަށް އުނިކަންލިބޭ ފަދަ ނުރައްކާތަކެއް ހުރިކަން ވެސް ވަނީ ފާހަގަވެފަ އެވެ. އެގޮތުން، މި ބިންތައް ދޫކޮށްފައިވަނީ 99 އަހަރަށް ކަމަށް ބުނި ނަމަވެސް، އީގަލް ހިލްސްއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ބިމެއްގައިވާ އިމާރާތެއް ނުވަތަ މިލްކިއްޔާތެއް އެހެން ފަރާތަކަށް ވިއްކާލާ ކޮންމެ ފަހަރަކު ނުވަތަ ވާރުތަވާ ކޮންމެ ފަހަރަކު، އެ 99 އަހަރުގެ މުއްދަތު އަލުން ގުނަން ފަށާނެ އެވެ. މިއީ ރާއްޖޭގެ 5.2 މިލިއަން އަކަ މީޓަރުގެ ސަރަހައްދެއް ދާއިމީކޮށް ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮށްލުން ފަދަ ކަމެއްގެ ގޮތުގައި ގާނޫނީ މާހިރުން ސިފަކުރެ އެވެ.

މި މަޝްރޫއާ ގުޅޭ މުހިންމު ލިޔެކިޔުންތަކެއް މިނިސްޓްރީ އިން ގެއްލިފައިވާ މައްސަލައިގައި ފުލުހުންގެ ފޮރެންސިކް ޓީމުން މިނިސްޓްރީއަށް ގޮސް ތަހުގީގުތަކެއް ހިންގާފައިވާއިރު، މިއީ އާދައިގެ ކަމެއް ނޫން ކަމަށް ބެލެވެ އެވެ. ގެއްލިފައިވަނީ މިފަދަ ބޮޑު މަޝްރޫއެއްގެ މުހިންމު ލިޔެކިޔުންތަކަކަށް ވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރިމަތިވެދާނެ ގާނޫނީ އަދި މާލީ ގެއްލުންތަކަކީ ކޮބައިތޯ ސަރުކާރުން ހާމަކުރަންޖެހެ އެވެ.

މި މަޝްރޫއުގެ ހަގީގީ އަގާއި ދައުލަތަށް ލިބޭނެ ގެއްލުން އެނގޭނީ މިނިވަން އޮޑިޓެއް ހަދައި، ފައިނަލް އެގްރީމެންޓްތައް އާންމުކުރުމުންނެވެ. ނަމަވެސް މިހާތަނަށް ފެންނަން އޮތް ހަގީގަތަކީ، ދައުލަތުގެ ބޮޑު މިލްކިއްޔާތެއް އެއްވެސް ބަދަލަކާ ނުލައި ދޫކޮށްލާފައިވާ ކަމާއި، އެކަމާ ގުޅޭ މުހިންމު ހެކިތަކެއް ސަރުކާރުގެ ތެރެއިން ގެއްލިފައިވާ ކަމެވެ. މިއީ ދިވެހި ދައުލަތާއި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައިވާ ކަމުގެ ހެއްކެއް ކަމަށް އިދިކޮޅު ފަރާތްތަކުންނާއި އާންމުން ދަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު އަށް ރާއްޖެޓީވީ އިން ގުޅުމުން ފޯނު ބިޒީ ކޮށްލައްވާފައިވާއިރު ކޮށްފައިވާ މެސެޖަށް ޖަވާބުދެއްވާފައި ނުވާތީ މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.