މާލޭ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވެ ފަރުވާ ދެމުންދިޔަ އަންހެން މީހާ ނިޔާވެއްޖެ އެވެ. 

ފުލުހުން ބުނީ  މި އެކްސިޑެންޓްގައި އަނިޔާވި 26 އަހަރުގެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށް އާއިލާ އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. 

ސޯސަންމަގުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ ދަންވަރު 01:12 އެހައިކަންހާއިރު އެވެ.

މި ހާދިސާގައި 3 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ. އަނިޔާވެފައިވަނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ. މި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދިން އިރު، އަނިޔާވި ދެ ފިރިހެނުންނަށް ފަރުވާދީފައިވަނީ އައިޖީއެމް ހޮސްޕިޓަލުގަ އެވެ. ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 26 އަހަރުގެ އަންހެން މީހާ އެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ މީހަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.

މި މައްސަލައިގެ ތުހުމަތުގައި، 2026 ސެޕްޓެމްބަރު 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެ ސައިކަލު ދުއްވި 21 އަހަރުގެ ދިވެހި ފިރިހެންމީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.