ރާއްޖެޓިވީގެ ޓީމު، ދ. މީދޫގައި "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓް ކުރަމުން ދަނިކޮށް، ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބޮޑު ބޭބެ، އަބްދުﷲ ލަތީފް އާއި ޕީއެންސީގެ ބަޔަކު އައިސް މާރާމާރީ ހިންގައިފި އެވެ.
ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުންގެ ހާލު ގެނަސްދީ، ރަށްރަށުގައި ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ގެނަސްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ވާހަކަ ދައްކާ، މައުލޫމާތު ދޭ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ދަނީ މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލު ހިއްސާކުރަމުންނެވެ.
އޭގެ އިތުރުން ކައުންސިލްތަކުން ދަނީ ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫއުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އިތުރުން ކައުންސިލްތަކުގެ ކަންބޮޑުވުން ވެސް ހިއްސާކުރަމުންނެެވެ.
އެންމެ ފަހުގެ ޕްރޮގްރާމް ނެގުމުގެ މަސައްކަތް ކުރުމަށްޓަކައި ރާއްޖެޓީވީގެ ޓީމާއި ޕްރޮގްރާމް ގެނަސްދޭ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް މިވަގުތު ދަނީ ދ. މީދޫގައި ހަރަކާތްތެރި ވަމުންނެވެ.
ޕްރޮގްރާމް ނެގުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބޮޑު ބޭބެ، އަބްދުﷲ ލަތީފް އާއި ޕީއެންސީގެ ބަޔަކު އައިސް ވަނީ ރާއްޖެޓީވީގެ ޓީމާ، އެ ޓީމާއެކު މަސައްކަތް ކުރަމުން ދިޔަ އެ ރަށު ރައްޔިތުންނަށް ހަމަލާދީ މާރާމާރީ ހިންގާފަ އެވެ. އަދި އެ މީހުން ވަނީ މަގުމަތީގައި އަޑުގަދަކޮށް، ހަޑިހުތުރު އެއްޗެހި ގޮވާ، އެތަނުގެ މަސްލަހަތު ގެއްލުވާލުމަށް މަސައްކަތްކޮށްފަ އެވެ.
މި މާރާމާރީގެ ސަބަބުން އެ ރަށުގެ ބައެއް ފަރާތްތަކަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ. ޕީއެންސީ އިން ވަނީ ރާއްޖެޓީވީގެ ކެމެރާ އިކުއިޕްމަންޓްތަކަށް ވެސް ގެއްލުން ދިނުމަށް މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް އެކަން ކާމިޔާބުވާގޮތް ވަނީ ނުވެފަ އެވެ.