މަސްތުވާތަކެއްޗާ ދެކޮޅަށް ޅ.އަތޮޅުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ތިން ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. 

ފުލުހުން ބުނީ، ޅ. އަތޮޅުގެ ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި، ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މި އޮޕަރޭޝަންތައް ހިންގީ ނައިފަރާއި އޮޅުވެލިފުށީގައި ކަމަށެވެ. 

މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހިތްވަރު / ޅ. ނައިފަރު، އަނަސް އަބްދުﷲ (19އ) އާއި ކޮތަރިވިލާ / ޅ. އޮޅުވެލިފުށި، މުހައްމަދު މިފްޒާލް (25އ) އަދި ޑައިމްވިލާ / ޅ. އޮޅުވެލިފުށި، އަހްމަދު އާދިލް (20އ) އެވެ.

މި މަހު 23 ވަނަ ދުވަހު ހިންގި މި ދެ އޮޕަރޭޝަންގެ ތެރެއިން އަނަސް ޢަބްދުﷲ އާއި މުހައްމަދު މިފްޒާލް ހައްޔަރުކޮށްފައި އޮޅުވެލިފުށި ޕޮލިހާއި ކުރެންދޫ ޕޮލިހާއި ނައިފަރު ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގަ އެވެ.

ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި 43 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.93 ގުރާމް ހުރި ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

ދެވަނަ އޮޕަރޭޝަނަކީ ނައިފަރުގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ނައިފަރުން ޕޮލިހުން ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަންގައި އަހްމަދު އާދިލް ނައިފަރުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 10.79 ގުރާމް ކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަނަސް ޢަބްދުﷲ އާއި މުހައްމަދު މިފްޒާލް އަށް ދުވަހަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައި ވާއިރު އަހްމަދު އާދިލް ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.