ދިވެހިރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު 3.3 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ، 22 ސެޕްޓެންބަރު 2026 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން، ބަރުދަނުގައި 3345 ގްރާމް ހުރި ކެނަބިސް އަތުލައިގަނެފައިވާ ކަމަށެވެ. 

މިތަކެތި އަތުލައިގަތީ އިންޑިއާ އިން ރާއްޖެއައި އިންޑިއާގެ 2 ފަސިންޖަރުންގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އެ ފަސިންޖަރުންގެ ލަގެޖް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ކާމިޔާބީއެއް ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށާއި ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ވަނީ ހަވާލުކޮށްފަ އެވެ.

ދޭތެރެދޭތެރެއިން ކަސްޓަމްސްއިން ދަނީ ވައިގެ މަގުންނާއި، ކަނޑުގެ މަގުން ރާއްޖެ އަށް އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ.