ބ. ފެހެންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސް، އެ މަސައްކަތަށް ގެނެސްފައި ހުރި ގިނަ އަދަދެއްގެ ތަކެތި ހަލާކުވެ ވީރާނާވަމުންދާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ފެހެންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ ޝައުފާން ވިދާޅުވީ ކުރީ ސަރުކާރު ނިމުނުއިރު އެ ރަށުގެ ނަރުދަމާ ހޮޅި އެޅުމުގެ 80 އިންސައްތަ މަސައްކަތް އޮތީ ނިމިފައި ކަމަށެވެ. ނަމަވެސް، މި ސަރުކާރު އައިފަހުން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މަސައްކަތް އަލުން ފެށި ނަމަވެސް، ފާއިތުވި ހައެއްކަ މަސްދުވަހު ކުރިއަށްދަނީ ހަމައެކަނި ވަޅުބުރިތައް ފައްތަން ކޮނުމުގެ މަސައްކަތް އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝައުފާން ވިދާޅުވީ، މި މަޝްރޫއުގެ އާރްއޯ ޕްލާންޓާއި ޕްލާންޓް ހައުސް އަދި ޓޭންކުތަކުގެ ބުޑުތައް އެޅުމަށްފަހު މަސައްކަތް ހުއްޓިފައިވާ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަަމަށެވެ.

މި މަޝްރޫއު ފެނަކައިގެ އަތުން ނަގައި އެހެން ފަރާތަކާ ހަވާލުކުރުމާ ގުޅިގެން، ފެނަކައިން ބައެއް ހޮޅިތަކާއި ގުދަން ރޫޅާލައި ގުދަނުގެ ހުރިހާ ސާމާނެއް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ރަށުގައި ބަހައްޓާފައި ހުރި ސިމެންތިތައް ގަނޑުވެ، މަސައްކަތަށް ގެނައި އިންޖީނާއި އެހެނިހެން ސާމާނުތައް ބޭނުންނުކުރެވި ވީރާނާވަމުންދާ ކަމަށް ޝައުފާން ވިދާޅުވި އެވެ. 

މި މަޝްރޫއުގެ އަދާހަމަ ހޯދުމަށް އެ ދާއިރާގެ މަޖިލިސް މެންބަރަށާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ސިޓީ ފޮނުވައިގެންނާއި ބައްދަލުވުންތަކުގައި ސުވާލުކުރަމުންދާ ކަމަށް ޝައުފާން ވިދާޅުވި އެވެ. އަދި ސަރުކާރުގެ އިސް ބޭފުޅުން މިމަޝްރޫއު ނިންމާނެކަމުގެ ޔަގީންކަން ދެމުންދާ ކަމަށާއި، ވެރިކަން ނިމިގެންދާއިރު، މި ޚިދުމަތް ލިބޭނެ ކަމަށް އެބޭފުޅުން ވިދާޅުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އަމަލީ ގޮތުން މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ދުވެލި ވަރަށް ބޮޑަށް ލަސް ކަމަށް އޭނާ ވިދާޅުވި އެވެ.