ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތުގައި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކުރި ވީޑިއޯ ފުޓޭޖްތަކުގައިވާ ވަގުތުތަކާއި، އަލިފާން ނިއްވާ ސިފައިން އެ ސަރަހައްދަށް ދިޔަ ވަގުތާ ގުޅޭގޮތުން ފުލުހުންނަށް ގިނަ ސުވާލުތަކެއް އަމާޒުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދެއްކި ވީޑިއޯ ފުޓޭޖްތަކުގެ ގަޑިތަކަކީ ސީދާ ގަޑިތޯ ނުވަތަ އެއްވެސް ވަރެއްގެ އަވަސް ނޫނީ ލަސްކަމެއް އުޅޭތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފަ އެވެ. އެ ސުވާލުގެ ޖަވާބުގައި ފުލުހުން ބުނީ، އެއީ ސީސީޓީވީ ކެމެރާތަކުން ފެންނަން ހުރި ވަގުތުތައް ކަމަށާއި، އެއީ ތަހުގީގަށް ޔަގީންކޮށްފައިވާ ފުޓޭޖްތަކާއި ގަޑިތައް ކަމަށެވެ.

ފުލުހުން އާންމުކުރި ވީޑިއޯއިން ފުރަތަމަ މަންޒަރު ފެންނަނީ ފަތިހު 5:33 ގައެވެ. އަދި ހެނދުނު 6:13 ގައި އެތާނުގައި ތިބި ބިދޭސީން ދުވާ މަންޒަރު ފެންނައިރު، އޭގެ ފަހުން 6:17 ގައި އޮފް ޑިއުޓީގައި ހުރި އެމްއެންޑީއެފް މީހަކު ފޯނުން ގުޅައި ހާދިސާ ރިޕޯޓުކުރާ މަންޒަރު ފެނެ އެވެ. ނަމަވެސް، އެމްއެންޑީއެފްގެ ފަޔަރ ލޮރީ އެތަނަށް ދިޔަ ގަޑިއެއް ވީޑިއޯއަކުން ނުފެނެ އެވެ. އަދި ފަޔަރ ލޮރީއަށް އެތަނުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަނީ ކަމަށް ހެނދުނު 06:35 ގައިކަމުން ހާދިސާ ރިޕޯޓުކުރި ވަގުތާއި އަލިފާން ނިއްވާ ލޮރީއަށް އެތަނަށް ދެވުނު ވަގުތާ ދެމެދު ގިނަ ވަގުތުތަކެއް ހޭދަވެފައިވާކަން  ނޫސްވެރިޔާ ވަނީ ފާހަގަކޮށްފަ އެވެ. 

އެމްއެންޑީއެފް ފަޔަރ ސްޓޭޝަން އެ ސަރަހައްދާ މާދުރުގައި ނެތްއިރު، އެމީހުން އެތަނަށް ދާން އެހާ ބޮޑަށް ލަސްވި ސަބަބު ތަހުގީގުގައި ބެލިންތޯ ނޫސްވެރިން ސުވާލުކުރުމުން، ތަހުގީގުގައި އެންމެ ފުރަތަމަ ބަލަނީ އަލިފާން ރޯވި މައިގަނޑު ސަބަބު ކަމަށް ފުލުހުން ބުންޏެވެ. އަދި އޭގެ އިތުރުން ހިނގާދިޔަ އެހެން ހުރިހާ ކަމެއް ވެސް ޔަގީންކޮށް ބަލާނެ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ފަހުން، އަހަރަކަށްވުރެ ގިނަ ދުވަސްވަން މި ހާދިސާ ތަހުގީގުކުރި އިރު، އެކަން ބަލާފައިނުވޭތޯ ވެސް ނޫސްވެރިޔާ ވަނީ ފުލުހުންނާ ސުވާލުކޮށްފަ އެވެ. ފުލުހުން ބުނީ މި ހާދިސާގެ ކަންކަން އަދިވެސް ދަނީ ތަހުގީގުކުރަމުން ކަމަށެވެ. 

މި ހާދިސާގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުން އައި އިމާރާތް ވަނީ އަނދައި، އަޅިއަށްވެފަ އެވެ.