މި އަހަރުގެ މިހާތަނަށް މާލީ މުއާމަލާތްތަކާ ގުޅޭ 1,584 ސްކޭމްގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅި، އެ މައްސަލަތަކުގައި ގެއްލުނު 15 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 6.6 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެމުން ބުނީ، މަކަރާއި ހީލަތުން ފޭރިގަތް ޖުމްލަ 15,067,763.83 (ފަނަރަ މިލިއަން ފަސްދޮޅަސް ހަތްހާސް ހަތްސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ އަށްޑިހަ ތިން ލާރި) ގެ ތެރެއިން 6.6 މިލިއަން ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށެވެ. މިއީ ގެއްލުނު ފައިސާގެ 44.3 އިންސައްތަ އެވެ. ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ހިންގި ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން، ފައިސާ ގެއްލުނު 852 ރައްޔިތަކަށް އެމީހުންގެ ފައިސާ އެއްކޮށް އަނބުރާ ރައްދުކޮށްދީފައިވާއިރު، އިތުރު 320 މީހެއްގެ ފައިސާގެ ބައެއް ވަނީ އަނބުރާ ހޯދާފަ އެވެ.

މި ބައްދަލުވުމުގައި އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، ރާއްޖޭގައި މިހާރު ސްކޭމް ފައިސާ އަނބުރާ ހޯދޭ ނިސްބަތަކީ މުޅި ދުނިޔޭގެ އެންޓި-ސްކޭމް މަސައްކަތްތަކަށް ބަލާއިރު ވެސް ފާހަގަކޮށްލެވޭ "ގްލޯބަލް ބެސްޓް" ނަތީޖާއެއް ކަމަށެވެ.

ރާއްޖޭގައި މިހާރު އެންމެ އާންމުކޮށް ހިންގާ ސްކޭމްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިންޓަނެޓް މެދުވެރިކޮށް ވިޔަފާރިކުރުމުގެ ތެރޭގައި ހިންގާ އީ-ކޮމާސްގެ 821 މައްސަލަ އެވެ. ދެވަނައަށް އެންމެ ގިނައީ ބޭރު ފައިސާ މާރުކުރުމުގެ ތެރޭގައި ހިންގާ ކަރަންސީ އެކްސްޗޭންޖްގެ 244 މައްސަލަ ކަމަށްވާއިރު، މީސްމީޑިއާ އެކައުންޓްތައް ހެކްކޮށްގެންނާއި ޝަހުސު އޮޅުވާލައިގެން ހިންގި 213 މައްސަލައެއް ވަނީ ހުށަހެޅިފަ އެވެ. މީގެއިތުރުން، މުޅިން އަލަށް ފެނިގެން އުޅޭ "ބުކިން ކެންސަލޭޝަން ރިފަންޑް ސްކޭމް" ގެ 80 މައްސަލައެއް ވެސް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

މި މައްސަލަތައް ހުއްޓުވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ފައިސާ ދައުރުކުރި 2,803 އެކައުންޓެއް 48 ގަޑިއިރަށް އަދި ކޯޓު އަމުރެއްގެ ދަށުން 530 އެކައުންޓެއް ތިން މަސް ދުވަހަށް ވަނީ ފްރީޒްކޮށްފަ އެވެ. އަދި މި މައްސަލަތަކުގައި 53 މީހަކު ހައްޔަރުކޮށް، ދައުވާ ކުރުމަށް 25 މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، އޭގެ ތެރެއިން 4 މީހެއްގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފަ އެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި ސްކޭމްގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އެއީ 506 މައްސަލަ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން މިފަދަ މައްސަލަތައް ހުށަހެޅިފައިވަނީ އައްޑޫ ސިޓީން ނެވެ. ފުލުހުން ބުނީ މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށް އާންމުކޮށް ވަނީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުން ކަމަށާއި، މިކަން މެދުވެރިވަނީ އާންމުންގެ ފަރުވާކުޑަކަމުންނާއި ބައެއް ފަރާތްތަކުން އެކައުންޓް ކުއްޔަށް ދިނުމުގެ ސަބަބުން ކަމަށެވެ.