މާލޭގައި ހުންނަ ސަރުކާރުގެ ތިން މިނިސްޓްރީއަކާއި
މާލޭ ސިޓީ ކައުންސިލްގެ އިދާރާތައް ހިންގަމުން އައި އިމާރާތްތަކުގައި ހިނގި ނުރައްކާތެރި
އަލިފާނުގެ ހާދިސާއަށް ބަލާއިރު، އެ ހާދިސާގައި ގެއްލުންވި ތަންތަނުގެ ތެރެއިން އިންޝުއަރެންސް
ނަގައިފައިވަނީ ހަމައެކަނި އެންވަޔަރަމެންޓް މިނިސްޓްރީ ހިންގި އިމާރާތަށް އެކަނި ކަމަށް
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާލޭގެ 'ޕިންކް
ބިލްޑިންގް' އަދި 'ގްރީން ބިލްޑިންގް' ގަ އެވެ. މި ދެ އިމާރާތުގައި ރޯވުމުގެ ސަބަބުން
އެ ތަންތަނުގައި ހިންގަމުން އައި ސަރުކާރުގެ ތިން މިނިސްޓްރީއަކަށާއި މާލޭ ސިޓީ ކައުންސިލްގެ
އިދާރާއަށް ވަނީ އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާގައި އޮފީސްތަކުގެ
ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނުގެ އިތުރުން މުހިންމު ގިނަ ލިޔެކިޔުންތަކެއް ވަނީ
އަނދައި ހުލިވެފަ އެވެ.

ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް
ފާހަގަކުރި ގޮތުގައި، ސަރުކާރުގެ މުހިންމު އިދާރާތަކެއް ހިންގަމުން އައި މި އިމާރާތްތަކުގެ
ތެރެއިން ގިނަ ތަންތަނަކީ އިންޝުއަރެންސް ކޮށްފައިވާ ތަންތަނެއް ނޫނެވެ. މީގެ ސަބަބުން
ލިބުނު މާލީ ގެއްލުންތައް އަދި މުޅިން ވަޒަން ކުރެވިފައެއް ނުވެ އެވެ.

ތިން މިނިސްޓްރީ ހުރި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ފުލުހުން ހިއްސާކުރަނީ

އިންޝުއަރެންސް އޮތީ ހަމައެކަނި މިނިސްޓްރީ އޮފް
އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ހިންގަމުން އައި އިމާރާތަށް
ކަމަށް ފުލުހުން ބުނެ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން
އަދިވެސް އަންނަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން މި ނޫސްވެރިންގެ ބައްދަލުވުމުގައި
ފާހަގަ ކުރި އެވެ.