އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު
ޒާހިދަށް ބިންވެރިޔާ ސްކީމުން ހުޅުމާލެއިން ދޫކުރި ގޯތީގެ ރަޖިސްޓްރީ ހައުސިން މިނިސްޓްރީން
ބާތިލްކުރި މައްސަލާގައި، އެ ގޯތި އެހެން މީހަކަށް ދިނުން ހުއްޓުވަން އެދި ޒާހިދު ހުށަހެޅި
ދައުވާއެއްގައި، ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެދީފި އެވެ.

ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ހައުސިން
މިނިސްޓްރީގެ މައްޗަށް އަންގާފައިވަނީ ޒާހިދުގެ ނަމުގައި ރަޖިސްޓްރީ ކުރި ގޯތި ވިއްކުމާއި
ދިނުމާއި އަދި އެހެން ވެސް ގޮތަކުން އެ ބިމުގެ މައްޗަށް އެހެން ތިންވަނަ ފަރާތެއްގެ
ހައްގެއް އުފަން ވެދާނެ އެއްވެސް ކަމެއް، ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ނުކުރުމަށެވެ.

ޒާހިދު ހުށަހެޅި ދައުވާގައި ބުނެފައި ވަނީ އޭނާއަށް
ދޫކުރި ގޯތި ރަޖިސްޓްރީވެސް ކޮށްފައިވަނިކޮށް މިނިސްޓްރީން 2 ޖުލައި 2026 ގައި ބާތިލްކޮށްފައިވާ ކަމަށެވެ. އަދި ޝަރުއީ ކޯޓަކުން
ގޮތެއް ކަނޑައެޅުމެއް ނެތި ރަޖިސްޓްރީ ބާތިލްކޮށްފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް
ވެސް ޒާހިދު ވަނީ ބުނެފަ އެވެ. އެގޮތުން އެއްބަސްވުމުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ
އެޕްލިކޭޝަން ނުވަތަ ލިއުމެއްގައި ސައްޙަނޫން މައުލޫމާތެއް ނުވަތަ ދޮގު މައުލޫމާތެއް
ހިމަނާފައިވާކަން ޝަރުއީ ކޯޓަށް ސާބިތުވާ ޙާލަތުގައި ގޯތި އަތުލެވިދާނެ ކަމަށެވެ.
އަދި އެފަދަ ކަމެއް އަދި ޝަރުއީ ކޯޓެއްގައި ސާބިތުވެފައި ނުވާކަން އޭނާ ފާހަގަ
ކުރެ އެވެ.

މިނިސްޓްރީން އެ ގޯތީގެ ރަޖިސްޓްރީ ބާތިލުކުރީ
މިހާރު އޮންނަ އުސޫލުގެ ދަށުން އަލުން ވެރިފިކޭޝަން ކުރިއަށްގެންދިޔަ އިރު ޒާހިދަކީ
ގޯތި ލިބުމުގެ ޝަރުތު ހަމަނުވާ މީހެއް ކަމަށް ފާހަގަވުމުންނެވެ. ނަމަވެސް އޭނާ
ގޯތި ހޯދުމަށް ދޮގު މައުލޫމާތެއް ދިންކަން ދައުލަތުން ވެސް ކޯޓުގައި
ފާހަގަކޮށްފައެއް ނުވެ އެވެ.

ދައުލަތުން ކޯޓުގައި ބުނެފައިވަނީ، ޒާހިދަށް ގޯތި
ލިބުމުގެ އަސާސީ ޝަރުތު ހަމަ ނުވާކަމަށެވެ. އެއީ މާލެއަށް އުފަން މީހުންނަށް ދޫކުރި
ގޯތިތަކެއް ކަމަށާއި، ޒާހިދަކީ އަދި މައިންބަފައިންނަކީ ވެސް އެ ޝަރުތު ފުރިހަމަނުވާ
މީހުންކަން ސާފުކޮށް އެނގެން އެބަ އޮތް ކަމަށް ދައުލަތުން ބުނެ އެވެ.

އަދި ޒާހިދަށް ގޯތި ދީފައި އޮތީ އެކަން އެނގޭ ހާލަތުގައި
އުސޫލާ ހިލާފަށް ކަމަށް ދައުލަތުން ވަނީ ކޯޓުގައި ބުނެފަ އެވެ. އެހެންވެ ހުޅުމާލޭގެ
ބިމުގެ މައްޗަށް ޒާހިދަށް އެއްވެސް ހައްގެއް އަދި މިލްކުވެރިކަމެއް ވެސް ނެތް ކަމަށް
ދައުލަތުން ވަނީ ކޯޓުގައި ބުނެފަ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ބައެއް ގޯތިތަކުގެ
ރަޖިސްޓްރީ ހައުސިން މިނިސްޓްރީން ވަނީ ބާތިލުކޮށްފަ އެވެ. އެއީ އަލުން ވެރިފިކޭޝަން
ކުރިއަށްގެންދިޔައިރު ގޯތި ލިބުމުގެ ޝަރުތު ހަމަނުވާ މީހުން ކަމަށް ފާހަގަވެފައިވާތީ
އެވެ.

މި ގޯތި އެހެން މީހަކަށް ދިނުން ހުއްޓުވަން ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެދީފައިވާއިރު، މިއީ އިއުލާނު ކުރުމެއް ނެތި، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި ވިއްކާލަން ނިންމި ގޯއްޗެއް އޮތް ކަމަށް ބުނެ ނުއަގުގައި އަހުމަދު ޒާހިރު ނަމަކަށް ކިޔާ މީހަކަށް ވިއްކާލަން އުޅުނު ގޯއްޗެވެ. މި މައްސަލަ ފެންމަތިވެ މި ފަހުން މިނިސްޓްރީއަށް ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވި އެވެ.