ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ފްލީޓަށް އާ ބޯޓުތަކެއް އިތުރުކުރުމާއެކު، ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވާކަން އެ އެއާލައިންގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ބުދަ ދުވަހު ހާމަކުރައްވައިފި އެވެ. މި ނިންމުމަކީ ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި، ވިޔަފާރި އަދި އިޖުތިމާއީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށް ބުނެ އެވެ.
ޕީއައިއޭ އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ އެއާލައިންގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު މިކަން ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިސްކޮށް ހުންނަވައިގެން އެ އެއާލައިންގެ ހެޑް އޮފީހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަކީ ސަރަހައްދީ ގުޅުންތައް ބަދަހިކުރުމަށާއި، އަޚުވަތްތެރި ދެ ގައުމުގެ ދެމެދުގައި ދަތުރުކުރާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަމަށް ލުއިފަސޭހަކަން ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ބައްދަލުވުމުގައި އޭވިއޭޝަން ދާއިރާއިން ފަންނީ އެހީތެރިކަމާއި ތަމްރީނު ފޯރުކޮށްދިނުން ހިމެނޭހެން، ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ އެކި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން ޕީއައިއޭގެ އިންޖިނިއަރިން އަދި ތަމްރީނުދޭ މަރުކަޒުތަކުގެ ބޭނުން ހިފުމަށް ދިވެހި ވަފުދުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. މި މަސައްކަތަކީ ޕީއައިއޭގެ ބައިނަލްއަގުވާމީ ވިއުގަ ފުޅާކުރުމަށާއި، ތެޔޮ މަދުން ހޭދަވާ ޒަމާނީ ބޯޓުތައް ފްލީޓަށް އިތުރުކޮށް އެއާލައިންގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެކުލަވާލާފައިވާ ފުޅާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.