ސިނަމާލެ ބްރިޖްގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ސިނަމާލެ ބްރިޖްގެ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގަ އެވެ. އަދި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 2:21 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ސައިކަލެއްގައި، ފަހަތުން ދުއްވާފައި އައި އެހެން ސައިކަލެއް ޖެހިގެންނެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ފަހަތުން އައިސް ޖެހުނު ސައިކަލު ދުއްވަން އިން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަށް މިހާރު އަންނަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އެކްސިޑެންޓްވި މީހާގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.