ވިޔަފާރީގެ ހަމަތަކާއި އުކުޅުތައް ވާދަވެރި އެހެން ވިޔަފާރިވެރިންނަށް އެނގޭ ގޮތަށް ހުޅުވާލުމަކީ ވިޔަފާރިތަކަށް ކުރިމަތިވާނެ ވަރަށް ބޮޑު ހުރަހެއް ކަމަށާއި، އޭގެ ސަބަބުން ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ރިސޯޓުތަކުން 40 އިންސައްތަ ޑޮލަރު މާރުކުރަން ސަރުކާރުން އަންގާފައިވާއިރު، އެކަމާ ގުޅިގެން ރިސޯޓުތަކުގެ ހުރިހާ ޚަރަދުބަރަދެއް އެމްއެމްއޭއާ ހިއްސާކުރަން ޖެހޭ ގޮތަށް އޮތުމަކީ ވިޔަފާރިވެރިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން، ރިސޯޓުތަކުގައި ހިނގާ ޚަރަދުތަކާއި، ލިބޭ އާމްދަނީ އަދި އެ ޚަރަދުތައް ކުރާ ގޮތުގެ ތަފުސީލުތައް ހިއްސާކުރަން ޖެހުމަކީ ވިޔަފާރީގެ އުކުޅުތައް ވާދަވެރިންނަށް ހުޅުވިގެންދާނެ ކަމެއް ކަމަށް ފާހަގަކުރެއްވި އެވެ.

ވިޔަފާރިއަކީ ވިޔަފާރިވެރިޔާ ފައިސާ ހޯދުމަށް ކުރާ ކަމެއް. އޭނާގެ ވިޔަފާރީގެ ހަމަތަކާ އުކުޅުތައް އެހެން އެންމެންނަށް، އޭނާއާ ވާދަކުރާ އެހެން ވިޔަފާރިވެރިންނަށް ހުޅުވާލަން ޖެހުމަކީ އޭނާގެ ވިޔަފާރިއަށް ވަރަށް ބޮޑު ހުރަހެއް. ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް
ރައީސް ނަޝީދު


މީގެއިތުރުން، ސަރުކާރުން އަލަށް އެކުލަވާލި ގަވާއިދުތަކާ ގުޅިގެން ވެސް ބާޒާރުގައި ޑޮލަރުގެ އަގަށް އެއްވެސް ހެޔޮ ބަދަލެއް އައިސްފައިނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މިހާރުވެސް ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު އުޅެނީ 20 ރުފިޔާއާއި 21 ރުފިޔާއާ ދެމެދުގަ އެވެ.

ރައީސް ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަނީ އެކްސްޗޭންޖް ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުން މިހާރު ގިނައިން ފައިސާ މާރުނުކޮށްދެ އެވެ. ސަބަބަކީ ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި ފައިސާ މާރުކުރުމަކީ ވިޔަފާރީގެ ގޮތުން ދެކޮޅުޖެހޭ ކަމަކަށް ނުވާތީ ކަމަށާއި، އޭގެ ބަދަލުގައި ބްލެކް މާކެޓުގައި 20 ރުފިޔާއަށް ޑޮލަރު ވިއްކަމުންދާ ކަމަށެވެ.

މި ސަބަބުތަކާ ހުރެ ތަކެތީގެ އަގު އުފުލުން ކުޑަކޮށް ވެސް ދަށަށް ނުދާ ކަމަށާއި، މި ހުރިހާ ކަމެއްގެ ސަބަބުން އާންމު ރައްޔިތުންނަށް އުފުލަންޖެހިފައިވާ ތަކުލީފުތަކާއި ބުރަ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.