ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން، ރާއްޖެ އޮތީ ހަމައެކަނި ތަރައްޤީގެ އެހީތެރިކަން ލިބިގަންނަ ބައިވެރިއެއްގެ ގޮތުގައި ނޫން ކަމަށާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގައި ކުރިއެރުން ހިއްސާކުރާ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރަން ތައްޔާރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސައުދީ އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި ބުދަ ދުވަހުގެރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައިވާ ދެމިގެންވާ މި ގުޅުމަކީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކުރާ އިތުބާރާއި، ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވާން އެ ޤައުމު ތައްޔާރަށް އޮތް ކަމުގެ ވަރުގަދަ ހެއްކެއް ކަމަށެވެ. އަދި ރާއްޖެއިން 2040 ވަނަ އަހަރާ ހަމައަށްދާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ވާން ކުރާ މަސައްކަތްތައް ބިނާކުރަން ބޭނުންވަނީ މި ވަރުގަދަ ބިންގަލުގެ މަތީގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސައޫދީ އަރަބިއްޔާގެ ބޮޑެތި އިންވެސްޓްމެންޓްތަކާއި ތަރައްޤީގެ ޕާޓްނަޝިޕްތަކަށް މަރުހަބާ ކިޔަން ދިވެހިރާއްޖެ އޮތީ ތައްޔާރަށްރައީސް މުއިއްޒު
މީގެ އިތުރުން ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ ގުޅުމުގެ އައު ބާބެއް މިހާރު ފެށެމުންދާއިރު، އިގުތިސާދީ ގުޅުމާއި އިންވެސްޓްމަންޓް އަދި ތަރައްޤީގެ ބައިވެރިވުން ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ދަނީ ފަހިވަމުންނެވެ. ހާއްސަކޮށް ފަތުރުވެރިކަމާއި، އުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމާއި ސިއްޚީ ދާއިރާއާއި މަސްވެރިކަމުގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ސައުދީގެ އިންވެސްޓްމަންޓްތަކަށް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
ދެ ޤައުމުގެ ގުޅުމުގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން، 2004 ގެ ސުނާމީ ކާރިސާއާ ގުޅިގެންނާއި އޭގެ ފަހުން ވެސް މެދުނުކެނޑި ސައުދީން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ. އަދި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ޒައާމަތުގައި އެ ޤައުމަށް އަންނަމުންދާ ހަލުވި ތަރައްޤީ އާއި އިގުތިސާދީ ބަދަލުތަކަށް އެމަނިކުފާނު ތައުރީފު ކުރެއްވިއެވެ.
މި ހަފްލާގެ ތެރެއިން، ސައޫދީ ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ ހަނދާނީ ފިލައެއް އަރުވާފަ އެވެ. ސައުދީ އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް މިއަހަރު ފާހަގަކުރަމުންދަނީ "އަވަރ ޕްރައިޑް އިޒް އިން އަވަރ ނޭޗަރ" މި ޝިއާރުގެ ދަށުންނެވެ.