ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއިން ގުޅިގެން މަޝްރޫއުތަކަށް އިންވެސްޓުކުރުމުން ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ބަދަހިވެ، ދެ ގައުމުގެ އިުތިސާދީ ގުުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، ސައުދީގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައޫދު އާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައޫދު އަށް ފޮނުއްވި ތަހުނިޔާގެ މެޖެސެޖުގަ އެވެ.
ރަސްގެފާނަށާއި ވަލީއަހުދު ރައީސް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، ސައުދީ އަކީ އަބަދުވެސް ރާއްޖެއިން ނުހަނު އިތުބާރުކުރާ ގަދަރުވެރި ބައިވެރިއެއްކަން ފާހަގަކުރެއްވި އެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަމަކީ، އިސްލާމީ އުސޫލުތަކާއި މުޅި އިސްލާމީ އުންމަތުގެ ލާބައާއި އެއްބައިވަންތަކަމަށް، ދެ ގައުމުން ވެސް ދޭ އަހައްމިއްޔަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ބަޔާންކުރައްވައި، މި ގުޅުން އިތުރަށް ބަދަހިވަމުން ދަނީ ދެގައުމުގެ މެދުގައި އޮތް ފުރިހަމަ އިހްތިރާމާއި އެއްބާރުލުމާއި ގާތް ގުޅުމުގެ ޒަރީއާއިން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ދެ ގައުމުގެ މެދުގައި އޮތް އެކުވެރިކަމާއި،އެއްބައިވަންތަކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންނަށް އެގުޅުމުގެ ޒަރީއާއިން ދެމެހެއްޓެނިވި މަންފާތަކެއް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވި އެވެ.
ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ ތަރައްގީއަށް ބޮޑެތި ކުރިއެރުންތައް ލިބޭނެފަދަ މަޝްރޫއުތަކަށް ވުނަކުރުމުގެ ތެރެއިން، ދެ ގައުމުގެ އިގުތިސާދީ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ދެ ގައުމުގެ މެދުގައި އޮންނަ ބައިނަލްއަގުވާމީ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމުގެ ރައްޔިތުންނަށް ދާއިމީ މަންފާކުރާނެ އައު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެދިވަޑައިގަންނަވާކަމުގައި ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.