ފަޅު ރަށްރަށަށް ސިޔާސީ މުވައްޒަފުން އައްޔަނުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ގާނޫނީ ގޮތުން ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި އެއީ ގާނޫނީ އިމުން ބޭރުވުން ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ނިޝާން މިހެން ވިދާޅުވީ، ރައީސް މުއިއްޒުގެ ގަރާރަކުން ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރަން ޖެހޭ ގޮތަށް، ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ދެ ބޭފުޅަކު މި ސެޕްޓެމްބަރު މަހުގެ ތެރޭގައި އައްޔަނުކުރެއްވުމާ ގުޅިގެންނެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަކީލު ނިޝާން ވިދާޅުވީ، ގާނޫނުއަސާސީގައި މީހުން ދިރިއުޅޭ ރަށްތަކާއި އިދާރީ ދާއިރާތައް ކަނޑައަޅައި، ލާމަރުކަޒީ އުސޫލުން އެ ތަންތަން ހިންގުމާއި ސިޓީގެ ދަރަޖަ ދިނުމުގެ އެންމެހައި އިޖުރާއަތްތައް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އަތްނުފޯރާވަރުގެ ދުސްތޫރީ ބާރެއް ލިބިފައިވާ ކަމަށް ދެކިވަޑައިގަންނަވާ ނަމަ އެއީ ގާނޫނީ އިންފާރުން ބޭރުވުން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ގާނޫނީ އިންފާރުގެ ތެރެއަށް ވެންނެވުމަށް އޭނާ ގޮވާލެއްވި އެވެ.

މީގެ އިތުރުން ނިޝާން ވިދާޅުވީ، ފަޅު ރަށްރަށަށް މިފަދައިން ސިޔާސީ މުވައްޒަފުން އައްޔަނުކުރުމަކީ ކޮރަޕްޝަނާއި ފަސާދައިގެ އަމަލެއްގެ ގޮތުގައި ބެލުމުގެ ޖާގަ އޮތް ކަމެއް ކަމަށެވެ. އަދި ސިޔާސީ މުވައްޒަފުންގެ މުސާރައަކީ 25،000 އިން ފެށިގެން 45،000 އަށް ވުރެ މަތީ އަދަދުތަކެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ދެ މުވައްޒަފަކު އައްޔަނުކުރިޔަސް އަހަރެއްގެ މައްޗަށް އެތައް މިލިއަން ރުފިޔާއެއް މުސާރައަށާއި އޮފީސް ހިންގުމުގެ ވަސީލަތްތަކަށް ހޭދަވާނެ ކަމަށެވެ.

އެހެންވީމާ، މި މުވައްޒަފުންނަށް ވެސް ދެ މުވައްޒަފުން އައްޔަނުކޮށްފި ކަމަށް ވާނެ އެތައް މިލިއަން ރުފިޔާއެއް އަހަރެއްގެ މައްޗަށް މުސާރައިގެ ގޮތުގައި ދާނެ. އަދި އެ މުވައްޒަފުން އިށީންނާނެ ގޮނޑިމޭޒާއި އެ މުވައްޒަފުން ދިއްލާ ބައްތިތަކާއި، މި ހަކަތައަށް ވެސް ޚަރަދުތަކެއް ހިނގާނެ. އެހެންވީމާ، މިއީ ދައުލަތުގެ މާލިއްޔަތުން ކުރާ ޚަރަދު. ދައުލަތުގެ މާލިއްޔަތުން ކުރާ މި ހަކަތައެއް މި ބޭނުންކުރަނީ. މި ހަކަތަ މި ބޭނުންކުރަނީ ރައީސުލްޖުމްހޫރިއްޔާ 115 ގެ ދަށުން ހުއްދަދީގެ ގާނޫނުއަސާސީން. ރައީސުލްޖުމްހޫރިއްޔާ ކުރާ ކަމަކާ މެދު އާއި ރައީސުލްޖުމްހޫރިއްޔާ ނުކޮށް ދޫކޮށްލާ ކަމަކާ މެދު އާއި ރައީސުލްޖުމްހޫރިއްޔާ ކުރަންޖެހޭ ކަމަކާ މެދު ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭނެ. އެއީ ގާނޫނުގައި މިވާހަކަތައް ލިޔެފައި އޮތީމައި
މުހައްމަދު ނިޝާން އިބްރާހީމް

ނިޝާން ވިދާޅުވީ، މިފަދަ ކަންކަން ކުރުމުގެ އެއްވެސް ދުސްތޫރީ ނުވަތަ ގާނޫނީ އިހްތިޔާރެއް ރައީސް މުއިއްޒަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތުގެ އުސޫލުތަކާއި ދުސްތޫރީ އިޖުރާއީ އުސޫލުތަކާ ހިލާފުވެވިގެންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.