ރަސްމާލެ
މަޝްރޫއުގެ ދަށުން ހިއްކާ ބިމުން ވެލިފުކެއްގެ މިންވަރު ވެސް ބޭރުގެ އެއްވެސް ފަރާތަކަށް
ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް،
އެ ބިން ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދޫކުރަން ނިންމާފައިވާކަން ސަރުކާރުން
ހާމަކޮށްފި އެވެ.

ރައީސް މުއިއްޒު
މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ރަސްމާލެއަކީ ދިވެހިންގެ މިލްކެއްގެ
ގޮތުގައި އޮންނާނެ ތަނެއް ކަމަށާއި، އެތަނުން ބިން ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަށް
ދޫނުކުރައްވާނެ ކަމަށެވެ.

2024
ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު
ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރަސްމާލެއިން ހިއްކާ ކޮންމެ ބިމެއްގެ ކޮންމެ
ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާނެ އެއްޗެއް ކަމަށެވެ. އަދި އެއީ އެއްވެސް
ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން ނުވަތަ ހިލޭ ލިބޭނެ ބިމެއް ނޫން
ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރަސްމާލޭގެ
މަސައްކަތް ކުރިން ހިންގި ގޮތް ކަމުނުގޮސްގެން އެ އެގްރިމެންޓް ބާތިލުކޮށް، މިހާރު
އެއްވެސް ފަރާތަކަށް ބިމެއް ކުރު މުއްދަތަކަށް ވިޔަސް ނުވަތަ ދިގު މުއްދަތަކަށް ވިޔަސް
ދޭން ނުޖެހޭ ގޮތަށް މަސައްކަތް އަލުން ފަށާފައިވާ ކަމަށް ވެސް ރައީސް މުއިއްޒު އޭރު ވިދާޅުވި
އެވެ.

ނަމަވެސް،
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ފިނޭންސް މިނިސްޓަރު ހަސަން
ޒަރީރު ދެއްކެވި ވާހަކައިން ވަނީ ރައީސް އޭރު ހެއްދެވީ ދޮގުކަން ހާމަވެފަ އެވެ. މިނިސްޓަރު
ޒަރީރު ދެއްކެވި ވާހަކައިން ހާމަވީ ޔޫއޭއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ
ރަސްމާލެ މަޝްރޫއުގެ ދަށުން އެ ކުންފުންޏަށް ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތަށް
ކަމަށެވެ. މިއީ ރާއްޖޭގެ މިހާރުގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ބޮޑެތި އިންވެސްޓްމަންޓްތަކަށް
ބިން ދޫކުރާ އެންމެ ދިގު މުއްދަތެވެ.

މިނިސްޓަރު
ޒަރީރު އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ، ރާއްޖޭގައި މިހާރު ވެސް ހިންގާ 200
ނުވަތަ 300 މިލިއަން ޑޮލަރުގެ ބޮޑެތި ރިސޯޓް މަޝްރޫއުތަކަކީ ވެސް ގާތްގަނޑަކަށް 99
އަހަރަށް ލީސްކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތަކެއް ކަމަށެވެ. އެހެންކަމުން ރަސްމާލެ
މަޝްރޫއު ކުރިއަށްގެންދާ ޔޫއޭއީގެ ކުންފުންޏަށް ވެސް އެ ބިން ލިބިގެންދާނީ އެފަދަ އުސޫލަކުން
ދިގު މުއްދަތަކަށް ކަމަށް މިނިސްޓަރުގެ ވާހަކައިން ވަނީ ސާފުވެފަ އެވެ.

މިކަމާ ގުޅިގެން
އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ހާއްސަކޮށް ރަސްމާލޭގެ
ވެލިފުކެއް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވެވަޑައިގެންނެވި
ވައުދާއި، ފިނޭންސް މިނިސްޓަރު ހާމަކުރެއްވި މައުލޫމާތާ ދިމާނުވާތީ ގިނަ ބަޔަކު ދަނީ
ކަންބޮޑުވުން ފާޅުކުރަމުންނެވެ.