ފުށިދިއްގަރު ފަޅާއި އެނބޫދޫ ފަޅަކީ ދިވެހިރާއްޖޭގެ މުސްތަގުބަލުގެ ތަރައްގީއާ ސީދާ ގޮތުން ގުޅިފައިވާ، ދައުލަތުގެ އެންމެ އަގުބޮޑު ދެ ރައުސްމާލު ކަމަށާ އެތަންތަން ކުއްޔަށް ދެވިގެން ނުވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ. 

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަމްހީދު ވިދާޅުވީ މިފަދަ މުހިންމު ސަރަހައްދުތައް ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. 

ޑރ. ޝަމްހީދު ވިދާޅުވީ، އޭރަކު ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް އެކަނި ލިބިވަޑައިގަންނަވާ އިހުތިޔާރެއްގެ ދަށުން، ޤައުމުގެ މިފަދަ މުހިންމު ސަރަހައްދުތައް ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ މަތީ ޒިންމާ ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާއިރު، މަޖިލީހަށް ވެސް ސިއްރުން ދައުލަތުގެ މިފަދަ އަގުހުރި މުދާ ވިއްކައި ނުވަތަ ކުއްޔަށް ދޫކޮށްގެން ނުވާނެ ކަމަށް އޭނާ މެންބަރު ވިދާޅުވި އެވެ. 

މީގެ އިތުރުން، ރައްޔިތުންގެ ޓެކްސް ފައިސާ އިން ބިން ހިއްކުމަށްފަހު، އެ ބިން ހިއްކުމަށް ދިޔަ ޚަރަދު ވެސް ދައުލަތަށް އަނބުރާ ނުލިބޭ ގޮތަށް ހަދާ އެއްބަސްވުންތަކުގެ ގާނޫނީ ސައްހަކަމާމެދު ޑރ. ޝަމްހީދު ވަނީ ބޮޑެތި ސުވާލުތަކެއް އުފައްދަވާފަ އެވެ. ހުޅުމާލޭގެ ބިމުގެ އަގުތަކަށް ބަލާއިރު، މި ސަރަހައްދުތަކުގެ ބިމުގެ އަގު ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރާއި 17 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ.

ގައުމުގެ އިގުތިސާދީ ކުރިއެރުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާކަން ފާހަގަކުރައްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާ ލިބޭގޮތަށް އަދި ދައުލަތަށް ގެއްލުންވާ ގޮތަށް އެކުލާވާލާ އެއްބަސްވުންތަކަށް "ނޫނެކޭ" ބުނަންޖެހޭ ކަމަށެވެ. މިފަދަ ކަންކަމަކީ ދެފުށް ފެންނަ ގޮތަކަށް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބަލައި ޗެކް ކުރެވިގެން ކުރިއަށްދާންޖެހޭ ކަންކަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ޑރ. ޝަމްހީދު އިތުރަށް ވިދާޅުވީ، ދައުލަތުގެ މުދަލާއި ބިމަކީ ރައްޔިތުންގެ ހައްގަކަށްވާއިރު، އެ ތަންތަނުން ލިބޭ މަންފާ ސީދާ ގޮތެއްގައި ދައުލަތަށާއި ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ. އަދި ދައުލަތަށް ބޮޑެތި ގެއްލުންވާ ގޮތަށް ހިންގާ މިފަދަ މުއާމަލާތްތަކުގެ ސަބަބުން ޤައުމުގެ މުސްތަޤުބަލަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފަ އެވެ.