ދައުލަތުގެ
އާމްދަނީ އެތައް ގުނައެއް އިތުރުވެގެން ދިޔައިރު، ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާ ވެސް
އެންމެ ކުޑަމިނުން ގާއިމުކޮށްދެވިފައި ނެތްކަމަށާއި، މިއީ ވަރަށް ބޮޑު ފެއިލިއަރ
އެއް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ހުޅުމާލޭ ދެކުނު ދާއިރާގެ
މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ
ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ ސިޔާސީ ގިނަ ކަންތައްތަކެއްގައި އުޅުއްވާފައިވާ ކަމަށާއި، ނަމަވެސް
ހަގީގީ މާނައިގައި ދިވެހި ރައްޔިތުން ދެކެން ބޭނުންވި ދުވަސްތައް އަދިވެސް ދިވެހިންނަށް
ފެނިފައި ނުވާ ކަމަށެވެ.
ދައުލަތުގެ
އާމްދަނީ އިތުރުވެފައިވާއިރު، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ގާއިމުކޮށްދެވިފައި
ނުވާކަން ފާހަގަކުރައްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، 2010 ވަނަ އަހަރު މަހެއްގެ މައްޗަށް
ދައުލަތަށް ލިބޭ އާމްދަނީ 200 މިލިއަން ރުފިޔާގައި އުޅޭއިރު، މިއަދު ދައުލަތުގެ އާމްދަނީއަކީ
4 ބިލިއަން ކަމަށެވެ.
އެހާ ގިނަ
ފައިސާ އިތުރުވެގެން ދިޔައިރު، ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާ ވެސް އެންމެ
ކުޑަމިނުން ގާއިމުކޮށްދެވިފައި ނެތް ކަމަށާއި، ހަގީގީ މާނައިގައި ރައްޔިތުން ބިނާކޮށްދިނުމަށް
ކަމެއް ކުރެވިފައެއް ނެތް ކަމަށް ވިދާޅުވެ، މިއީ ވަރަށް ބޮޑު ފެއިލިއަރ އެއް ކަމަށް
ޑރ. ޝަމްހީދު ވިދާޅުވިއެވެ.
މިހާރު ހިނގަމުންދާ ސަރުކާރަކީ ވެސް ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަމަށްވުރެ، އަމިއްލަ އެޖެންޑާ ކުރިއަރުވަން މަސައްކަތް ކުރާ ސަރުކާރެއްކަމަށް ޝަމްހީދު ވިދާޅުވި އެވެ.
އަބަދުވެސް
ފެންނަމުންދަނީ ރައްޔިތުންގެ އަސާސީ ޚިދުމަތްތަކާއި ވައުދުތައް ފުއްދުމުގައި ފެއިލްވަމުންދާ
މަންޒަރު ކަމަށް ވިދާޅުވެ، އިތުރު ހިޔާލާއި ވިސްނުން އަންނަން ޖެހޭކަމަށް ޤަބޫލުކުރައްވާ
ކަމަށް ޑރ. ޝަމްހީދު ވިދާޅުވި އެވެ. އަދި ހަގީގީ މާނައިގައި ހައްޤުތައް ކަށަވަރުކޮށްދީ،
ރައްޔިތުން ބޭނުންވާ ތަރައްޤީއާއި ތަހުޒީބުކަން ގެނެވޭނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހަށް ވެސް
ކުރިމަތިލެއްވީ ހަގީގީ މާނައިގައި ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގެ ބޭނުމުގައި
ކަމަށާއި، އެހެންކަމުން މިހާރު ބޭނުންވަނީ ސިޔާސަތު ތަންފީޒުކުރާ ލެވެލްގެ އެންމެ އިސް
މަޤާމުކަމަށްވާ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުން
ކަމަށް ޑރ. ޝަމްހީދު ވިދާޅުވި އެވެ.