އެމްޑީޕީގެ
ޕްރައިމަރީއަށްފަހު ޕާޓީ ބައިބައިވެގެންދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެމްޑީޕީގެ
ހުރިހާ ލީޑަރުން ވެސް ތިއްބެވީ ގައުމު ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް
ކުރުމަށް ތައްޔާރަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު
ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ
"ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ރިޔާސީ
އިންތިޚާބާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި އެމްޑީޕީގެ މެންބަރުންނަކީ އަމިއްލަ
ފިކުރާއި ވިސްނުން ބޭނުންކުރާނެ ބައެއް ކަމަށެވެ. އަދި ކަންކަން ކާމިޔާބު ކުރެވޭނީ
އެންމެން އެއް ރޫހެއްގައި މަސައްކަތް ކޮށްގެން ކަމަށް ފާހަގަކުރައްވައި، މާޒީގައި ކަންކަން
ހިނގާފައިވާ ގޮތަށް ބަލައި އެކަންކަމުން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށް ވެސް އޭނާ
ވިދާޅުވި އެވެ.
ޕްރައިމަރީގެ
ފޯރި ގަދަވެފައިވީ ނަމަވެސް، ޕްރައިމަރީއަށްފަހު ޕާޓީ ބައިބައިވެގެންދާނެ ކަމަށް ގަބޫލުނުކުރައްވާ
ކަމަށް ޝަމްހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ހުރިހާ ލީޑަރުން ވެސް
ތިއްބެވީ ގައުމު ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ތައްޔާރަށެވެ.
އެހެންކަމުން
ޕްރައިމަރީ ނިމުމާއެކު ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭނެ ކަމަށް
އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން
ޑރ. ޝަމްހީދު ވިދާޅުވީ، ޕްރައިމަރީގެ ނަތީޖާއަށްފަހު މޮޅުވާ ކެންޑިޑޭޓަކީ ކޮންމެ ބޭފުޅަކު
ކަމުގައިވީ ނަމަވެސް، އެ ކެންޑިޑޭޓެއްގެ ފަހަތަށް އަރައި މަސައްކަތް ކުރުމަށް އޭނާ
ހުންނެވީ ތައްޔާރަށް ކަމަށެވެ. މިއީ ޕާޓީގެ ކުރިމަގަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު
ކާމިޔާބުކުރުމަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
އެމްޑީޕީގެ
އެތެރޭގެ އިންތިޚާބުތަކަކީ އަބަދުވެސް ވާދަވެރި އިންތިޚާބުތަކަކަށް ވާއިރު، މިފަހަރުގެ ރިޔާސީ ޕްރައިމަރީއަކީ ވެސް ޕާޓީގެ މެންބަރުންގެ މެދުގައި ބޮޑު ތަރުހީބެއް އޮތް އިންތިޚާބެކެވެ.
މިފަހަރުގެ އިންތިޚާބުގައި ޝަމްހީދު ވެސް ވަނީ ކުރިމަތިލައްވަން ނިންމަވާފަ އެވެ.