މި ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން ޑޮލަރު ނުލިބިގެން ސަރުކާރުން އުޅޭއިރު، ކޮންމެ ގޮތަކުން ވިޔަސް އެކަން ކުރަން އުޅޭ ކަމަށާ "މާމަގެ ފައްޓަރުބައި" ވިއްކާލައިގެން ވިޔަސް ޑޮލަރު ލިބޭނެ ގޮތެއް ފެނޭތޯ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ މި ސަރުކާރަށް ބޭރު ފައިސާ ނުލިބިގެން އުޅޭ މަންޒަރު ފެންނައިރު، އެކަން ހައްލު ކުރާނެ ގޮތެއް ނޭނގިގެން އުޅޭ މަންޒަރު ވެސް ފެންނަ ކަމަށެވެ. 

މި ހުރިހާ ކަމަކުން ފެންނަނީ މި ސަރުކާރުގެ ނާގާބިލުކަން ކަމަށާއި، ރައްޔިތުންގެ ޖީބުން ފައިސާ ނެގުމަށްޓަކައި ވެސް އެތައް މަސައްކަތެއް މިހާރު ވެސް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން ގާނޫނުތަކަށް ބަދަލު ގެނަސްގެން ވެސް އެކަން ކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށް ދީދީ ވިދާޅުވި އެވެ. 

ގާނޫނުތައް ފާސްކޮށްގެން ރައްޔިތުންގެ ޖީބުގަހުރި ފައިސާކޮޅު ހޯދަން ވަރަށް މަސައްކަތްކޮށްފި. އަދިވެސް ކުރަމުން ދަނީ. އެހެން ނަމަވެސް މި ބޭފުޅުންނަށް އެއް ގޮތަކަށް ވެސް އެ ބޭފުޅުންގެ ނާގާބިލު ކަމުގެ ސަބަބުން މި ގައުމުގެ އިގުތިސާދު ފުނޑިގެން މި ދާ ދިއުމަކަށް ނިމުމެއް ގެނެވޭނެ އެއްވެސް މަގެއް ނުފެނުނީމާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭން، ރައްޔިތުންގެ ލާބައާެި މަންފާއަށްޓަކައި ބޯހިޔާވަހިކަމާއި ތަނަވަސް ދިރިއުޅުމެއް ދޭން ވެގެން ހިއްކި ބިން، ބޭރު ބަޔަކަށް މި ދެނީ. ދިވެހި ރައްޔިތަކަށް އޭގެން ވާނެ މަންފާއެއް ނުލިބޭ. ދެން ފައިވް ސްޓަރ ހޮޓަލެއް އަޅާނެ ވާހަކައާ މިކަހަލަ ވާހަކަތަކެއް ދެކެވެނީ. މާބޮޑު ތަފްސީލެއް ނެތް. މީގެ ދިވެހި ރައްޔިތަކަށް ވަނީ ކޮން ފައިދާއެއް ތޯ. އެ ހިއްކި ބިމުގެ ބޮޑު ބައެއް ބޭރުގެ ބަޔަކަށް ދިނީމަ، އޭގެ ސަބަބުން ދެން ނުކުންނާނެ ނަތީޖާ އަކީ ކޮބައިތޯ. އަޅުގަނޑަށް ފެންނަނީ ހަމަ ޑޮލަރުގެ ބޭނުމުގަ ކުރާ ކަމެއްގެ ގޮތުގައި 
އަހްމަދު ދީދީ

މި ސަރުކާރުން ރަސްމާލެ އިން ބިމެއް ބޭރުގެ ބަޔަކަށް ދޭން އުޅޭ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރެއްވިތާ ދެ ހަފްތާއެއްހާ ދުވަސް ފަހުން، މިދިޔަ ހޯމަ ދުވަހު ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. 

ސަރުކާރުގެ މި ނިންމުން ދިފާއުކުރައްވާ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، މިހާރު ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން "އީގަލް ހިލްސް" ގެ މަޝްރޫއުއާއެކު ހައްލުވެގެން ދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގައި ކަންކަން ރާވާފައިވަނީ ރާއްޖެއިން ބޭރަށް ޑޮލަރު ނުދާ ގޮތަށް ކަމަށެވެ. އަދި މި މަޝްރޫއިން ލިބޭ ޑޮލަރުތައް ވަންނާނީ ރާއްޖޭގެ ބޭންކްތަކާއި ރާއްޖޭގެ އިގުތިސާދަށް ކަމަށް ޒަރީރު ވިދާޅުވި އެވެ. މި މަޝްރޫއު ރޭވިފައިވަނީ ޑޮލަރު ލިބުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލު ލިބޭ ގޮތަށް ކަމަށާއި، މިއީ ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމެއް ކަމަށް ޒަރީރު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޑޮލަރު ލިބުމުގައި އާންމުން އަންނަނީ ގިނަ ދަތިތަކާއި ކުރިމަތިލަމުންނެވެ. އަދި ބީއެމްއެލްގައި ވެސް ޑޮލަރު ނެތް ކަމަށް ބުނެ އަޑުފެތުރިފައިވާ ދަޑިވަޅެއްގައި އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް މި ސަރުކާރުން ނަގާފައިވާކަން ވެސް މިފަހުން ވަނީ ހާމަވެފަ އެވެ.