ށ. އަތޮޅު ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ރ. ދުވާފަރު ދޯންޏަކުން ފީނަން ފޭބި ޒުވާނަކު، ދޯންޏަށް އެރިފަހުން ހާލުދެރަވެގެން ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގައި ނިޔާވެފައިވަނީ ރ. ދުވާފަރު، ލިލީމާގެ، އުމުރުން 30 އަހަރުގެ މުހައްމަދު ޝައްފާން އެވެ.

ފުލުހުން ބުނީ، ރ. ދުވާފަރު ދޯންޏަކުން ފީނަން ފޭބި މީހަކު ދޯންޏަށް އެރިފަހުން ހާލުދެރަވެގެން ށ. މަރޮށި ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 ސެޕްޓެމްބަރު 22 ވަނަ ދުވަހުގެ މެންދުރުފަހު 15:20 އެހައިކަންހާއިރު ކަމަށެވެ.

އަދި އެ ޒުވާނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.