ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތު ނަންގަވާ، މަނީ ލޯންޑަރކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

އެންމެ ފަހުން މި މައްސަލައިގެ އަޑު އެހުންތަކެއް ބޭއްވީ 2025 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ އަހަރެއްހާ ދުވަސް ފަހުން، ބުދަ ދުވަހަށް އަޑު އެހުމެއް ތާވަލު ކުރި އެވެ. 

އެހެން ނަމަވެސް ދައުލަތުން އެދިގެން އެ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ. އެކަމުގެ ތަފްސީލު ހާމަކޮށް އެ ކޯޓުން ބުނީ ދައުލަތުގެ ވަކީލަކު ބަލިވެގެން ރާއްޖޭން ބޭރަށް ދާން ޖެހުމުގެ ސަބަބުން ދައުލަތުން އެދިގެން އެ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށެވެ. 

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރިޝްވަތު ނެންގެވި ކަމަށް ރައީސް ޔާމިންގެ މައްޗަށް ވަނީ ތުހުމަތުކުރެވިފަ އެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް 2022 ވަނަ އަހަރު އިއްވާފައިވެ އެވެ.

އެހެންނަމަވެސް ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު ނިންމާފައި ވަނީ ކްރިމިނަލް ކޯޓުން އެ މައްސަލަ އަލުން ބަލަން ޖެހޭ ކަމަށެވެ. ހައިކޯޓުން އެ މައްސަލައިގައި ކުރި ހުކުމުގެ ބައެއް ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ. އިސްތިއުނާފްކޮށްފައި ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާތައް ސާބިތު ކުރުމަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ހުށަހާޅައިވާ ހެކިތައް އެއްފަރާތް ކޮށްފައިވާތީ އެބަ އެވެ.

ފުއްގިރި މައްސަލައިގައި ސަން ސިޔާމްގެ ދެ ކުންފުންޏަކަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށް، ކްރިކް އަހުމަދު ރިޒާގެ މައްޗަށް ކުރި ދައުވާ ދައުލަތުން އަނބުރާ ގެންދިއުމާއެކު، އެ މައްސަލައިގައި  މި ވަގުތު ކޯޓު މަރުހަލާގައި އޮތީ ހަމައެކަނި ރައީސް ޔާމީންގެ މައްސަލަ އެވެ. 

މީގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ރައީސް ޔާމީން ރިޝްވަތު ނަންގަވައި މަނީ ލޯންޑަރކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މި ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.