ލިބިދޭންޖެހޭ އަސާސީ ހައްގުތަކުން މަހްރޫމްކޮށް،
ގާނޫނާ ހިލާފަށް ޑީޕޯޓްކުރަން ނިންމި ކަމަށް ބުނެ މޯލްޑިވްސް އިމިގްރޭޝަނާ ދެކޮޅަށް
ތައިލެންޑްގެ ރައްޔިތަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، އޭނާއާ ދެކޮޅަށް އެޅި ފިޔަވަޅުތައް
އިމިގްރޭޝަނުން އުވާލުމާ ގުޅިގެން އަނބުރާ ގެންގޮސްފި އެވެ.

މި މައްސަލައަކީ އިމިގްރޭޝަނުން ހިންގި ރެއިޑް
އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށް، ރާއްޖެއިން ފޮނުވާލަން ނިންމި ނިންމުމާ ގުޅިގެން
ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަ ހުށަހެޅި ބިދޭސީ މީހާ ބުނެފައިވަނީ،
އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކޯޓު އަމުރެއް ނެތި އިމިގްރޭޝަނުން
ވަދެ ހިންގި ރެއިޑް އޮޕަރޭޝަނަކަށް ފަހު ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ އެއްވެސް
ކުށެއް ކޮށްފައި ނުވަނީސް އަދި ރާއްޖޭގައި ހުރުމުގެ ހުއްދަ ބާތިލުވެފައި ނުވަނީސް ކަމަށް ވެސް
އޭނާ ވަނީ ބުނެފަ އެވެ.

އެހެންކަމުން އޭނާ ބަންދުކޮށް ގައުމަށް ފޮނުވާލަން
އިމިގްރޭޝަނުން އެޅި ފިޔަވަޅަކީ ގާނޫނާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅެއް ނޫންކަމަށް
ދައުވާގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، އިމިގްރޭޝަނުން ބަޔާން ނަގާފައިވަނީ
އޭނާގެ ސްޕޮންސަރުގެ ޣައިރު ހާޒިރުގައި އަދި ތަރުޖަމާނަކާ ވެސް ނުލައި ކަމަށް މައްސަލައިގައި
ބުނެފައިވެ އެވެ. މިކަމުގެ ސަބަބުން އޭނާއަށް ލިބިދޭންޖެހޭ އަސާސީ ހައްގުތަކުން މަހްރޫމްކޮށްފައިވާ
ކަމަށް ވެސް އޭނާ ވަނީ ބަޔާންކޮށްފަ އެވެ.

މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ދަނިކޮށް،
ދައުވާ ކުރި ފަރާތުން ވަނީ މައްސަލަ އަނބުރާ ގެންދަން އެދިފަ އެވެ. މައްސަލަ އަނބުރާ
ގެންދިޔަ ސަބަބެއް ކަމަށް އޭނާ ބުނެފައިވަނީ، އޭނާއާ ދެކޮޅަށް އިމިގްރޭޝަނުން އަޅާފައިވާ
ފިޔަވަޅުތައް މިހާރު އުވާލާފައިވާތީ އެވެ. އަދި އޭނާއަށް ގެއްލިފައިވާ މިނިވަންކަން
އަލުން ލިބިދީފައިވާތީ، މިވަގުތު މި މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާ
ކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން އިމިގްރޭޝަނުން އެޅި ފިޔަވަޅުތައް
އުވާލި ސަބަބެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.