މިދިޔަ އޮގަސްޓު މަހުގެ 28 ވީ ހުކުރު ދުވަހުގެރޭ އެމްޑީޕީ އިން ކުރިއަށްގެންދި މުޒާހަރާއަކާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓު، މުހައްމަދު ޝާމިން ބަންދުން ދޫކޮށްލައިފި އެވެ. 

އޭނާ ހައްޔަރު ކުރުމަށްފަހު ފުރަތަމަ ބަންދުކުރީ 10 ދުވަހުގެ މުއްދަތަކަށެވެ. އަދި ފަހުން އިތުރު 3 ދުވަހަށް ބަންދު ކުރި އެވެ.

މި މައްސަލައިގައި ނެރުނު ކޯޓު އަމުރުގައި އޭނާ ހައްޔަރު ކުރާ ސަބަބުގެ ގޮތުގައި ބުނެފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. 

އޭނާއަށް ކުރި އިތުރު ތުހުމަތުތަކުގެ ތެރޭގައި، މުދަލަށް ގެއްލުން ދިނުން، ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށް އަދި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުން ހިމެނެ އެވެ.

ބަންދުން ދޫކޮށްލުމުން ނުކުމެ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ ވީޑިއޯއެއްގައި ޝާމިން ބުނީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމަކީ ޤާނޫނުއަސާސީން
ލިބިދޭ ޙައްޤެއް ކަމަށާއި، މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށެވެ. އަދި ސަރުކާރުން ކިތަންމެ ވަރަކަށް ހުރަސް އެޅިނަމަވެސް، އެމްޑީޕީން ކުރިއަށްގެންދާ މަސައްކަތަށް މަޑުޖެހުމެއް ނާންނާނެކަމަށްވެސް އޭނާ
ބުންޏެވެ.