ވަޒީފާގެ ބިރުގައި ރައްޔިތުން ލައްވާ ކުރުވާ ކަންކަމަށް
ތާއީދު އޮތުމެކޭ ނުބުނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ
މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ
އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން
ނާޒިލް ވިދާޅުވީ މިއަދު އެތައް ރައްޔިތުންނަކަށް ވަޒީފާގެ ބިރު ދައްކާފައިވާ ކަމަށާއި،
އެހެންކަމުން ވަޒީފާގެ ބިރުގައި ރައްޔިތުން ކުރާ ކަންކަމަކީ ސަރުކާރަށް ތާއީދު ކުރުމެކޭ
ނުބުނެވޭނެ ކަމަށެވެ.
ނާޒިލް ވަނީ ސަރުކާރުން މިހާތަނަށް ވެފައިވާ އެއްވެސް
ވައުދެއް ވެސް ފުއްދާފައިނުވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ފާހަގަކުރެއްވި
ގޮތުގައި ނިމިދިޔަ އިންތިޚާބުތަކާ ދިމާކޮށް އެތައް ވައުދުތަކެއް ވެފައިވާ ކަމަށާއި،
އަދި އެއިން ވެސް ކަމެއް ކޮށްދެވިފައެއް ނުވާ ކަމަށެވެ.
ޓައުންޝިޕް މަޝްރޫއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން
ނާޒިލް ވިދާޅުވީ އެ މަޝްރޫއާ ގުޅޭގޮތުން އުފެދިފައިވާ އެއްވެސް ސުވާލަކަށް މިހާތަނަށް
ސަރުކާރުން ޖަވާބެއް ދީފައިނުވާ ކަމަށެވެ.
ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ
މެދުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން
ނާޒިލް ވިދާޅުވީ ސަރުކާރުން މިކަންކަމުގައި ދެފުއްފެންނަ ސިޔާސަތުތަކެއް ގެންނަންޖެހޭ
ކަމަށެވެ.
ސަރުކާރުން ވައުދުވެފައިވާ ކަންކަން ފުއްދުމަށް ސަރުކާރުން
ކުރަންޖެހޭ މަސައްކަތްތައް ކުރަންޖެހޭ ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އިގުތިސާދު 12 އިންސައްތަ ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވާ ނާޒިލް ވަނީ މިހާލަތުގައި ވެސް ރައީސް މުއިއްޒު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަކިނުކުރައްވަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ.
މީގެ އިތުރުން ނާޒިލް ވިދާޅުވީ، ތެލުގެ ދަތިކަމެއް އަތުވެދާނެ ކަމުގެ ހަބަރުތައް މިހާރު ފެތުރެމުންދާ ކަމަށާއި، މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ގައުމު ވަރަށް ނިކަމެތި ހާލަތަކަށް ދާނެ ކަމަށެވެ.