އެމްޑީޕީ ކޮންގްރެސްގައި ފުލް ކޮންގްރެސްމަނުން ބައިވެރިވާނެ ކަމަށާއި، މިހާރު ވެސް ކޮންގްރެސްމަނުންގެ ގޮތުގައި 986 ބޭފުޅުން އެބަތިއްބެވި ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު  މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާޒު ވިދާޅުވީ، މިފަހަރުގެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލްގައި ބޭއްވި ނަމަވެސް އެމްޑީޕީ މެންބަރުން ފަހުރުވެރިވާނެ ފަދަ ރަނގަޅު ކޮންގްރެސްއެއް ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި އެމްޑީޕީގެ އާންމު މެންބަރުންނަށާއި، ޝައުގުވެރިކަން ހުރި ފަރާތްތަކަށް ކޮންގްރެސް އަޑު އެހުމަށް ނުވަތަ ބެލުމަށް މާލެ ސިޓީ ކައުންސިލް ހޯލްއަށް ވަޑައިގަނެވޭނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.  

އެގޮތުން، އޮކްޓޫބަރު އެއް ވަނަ ދުވަހުގެރޭ ހުޅުވުމުގެ ރަސްމިއްޔާތާއެކު ކޮންގްރެސް ފަށާނެ ކަމަށާއި، ޖެހިގަން އަންނަ ދުވަހަކީ ހުކުރު ދުވަސް ކަމުން އެދުވަހުގެ ސެޝަން ފަށަން ހަމަޖެހިފައިވަނީ މެންދަރު ފަހު ކަމަށް ޝިފާޒު ވިދާޅުވި އެވެ. ހުކުރު ދުވަހު މެންދުރު ފަހުން ފެށިގެން ރޭގަނޑާއި ހަމައަށް ކުރިއަށް ދާނީ އިންވެސްޓްމަންޓް ފޯރަމެއް ކަމަށް ޝިފާޒު ވިދާޅުވި އެވެ. އަދި ހޮނިހިރު ދުވަހު ހެނދެނު 9 އިން ފެށިގެން ރަސްމީކޮށް ކޮންގްރެސްގެ މަަސައްކަތްތައް ފެށިގެން ދާނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ. 

ހޮނިހިރު ދުވަހު އަސާސީ ގަވާއިދަށް ހުށަހެޅިފައިވާ އިސްލާހުތަކަށް ވޯޓަށް އެހުން އޮންނައިރު، ކޮންގްރެސްމަނުން ފާސްކުރާ އަސާސީ ގަވާއިދުތަކާއި ބަދަލެއް އަންނަ ކަމުގައި ވާނަމަ އެ ބަދަލެއް ވެސް އެދުވަހުގެ ރޭގަނޑު އެނގިގެން ދާނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ.

މިވަގުތާއި ހަމައަށް 986 ބޭފުޅުން ހަމަގައިމު ވެސް މިހާރު ކޮންގްރެސްމަނުންގެ ގޮތުގައި އެބަ ތިބި ޕާޓީގައި ކަނޑައެޅިފައި. ދެން އޭގެ ތެރެއިން ރެޖިސްޓްރޭޝަނަށް ހުޅުވާލި ފުރަތަމަ 24 ގަޑީރު ނުނިމެނީސް ދެބައި ކުޅަ އެއްބަޔަށް ވުރެ މާ ގިނަ، 500 އަށް ވުރެ ގިނަ ކޮންގްރެސްމަނުން ވަނީ ރަޖިސްޓަރ ކޮށްފައި އަޅުގަނޑު މިބަލަނީ މިއަދު ނިމެންވާއިރަށް އެ އަދަދު ޑަބަލް ވާނެ ކަމަށް 
މުހައްމަދު ޝިފާޒު 

މީގެ އިތުރުން، ޝިފާޒު ވަނީ ކޮންގްރެސް ބާއްވަން މާލެ ސަރަހައްދުން އެއްވެސް ތަނެއް ސަރުކާރުން ހަމަޖައްސައި ނުދިންކަން ފާހަގަކުރައްވާފަ އެވެ. އަދި ހުޅުމާލެ ސެންޓްރަލް ޕާކު ދޭން އެދުމުން އެތަން ވެސް ދީފައި ނުވާ ކަމަށް ޝިފާޒު ވިދާޅުވި އެވެ.