ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރި އަމީނީ މަގުގެ ބައެއް ސަރަހައްދުތަކުގައި ތާރުގަނޑު އުފުލި، ބޮޑެތި އަޑިގުޑަންތައް ހެދިފައިވާތީ އެ މަގު އަލުން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ފަހުން އެޅި ތާރުގަނޑު ވެސް އަނެއްކާ ނަގަން ފަށައިފި އެވެ. 

އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ދާދިފަހުން އެޅި ތާރުގަނޑު އަލުން ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް، މިގޮތަށް ތާރުގަނޑު ނަގަން ޖެހުނު ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން "މުއިއްޒު ސްޕީޑް" ގައި ކަމަށް ބުނެ ނިންމި މި ސަރަހައްދުގެ ތާރުގަނޑު ކުރު މުއްދަތެއްގެ ތެރޭގައި ހަލާކުވެ، އަލުން މަރާމާތުކުރަން ޖެހުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. މިހާރު މަރާމާތު ކުރަމުން މިދަނީ އެ ދުވަސްވަރު އަވަސް އަރުވާލައިގެން ތާރު އެޅި ސަރަހައްދެވެ.

އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ތާރުނޭޅި އޮތް އެ ސަރަހައްދުގައި މި ސަރުކާރުން ތާރުއެޅުމަށްފަހު، އެކަމުގެ ވީޑިއޯތައް ހަދައި ކުރެޑިޓް ނެގި އެވެ. ނަމަވެސް، މި ސަރުކާރުން ތާރުއެޅި ސަރަހައްދު ހަލާކުވުމުން، އެކަމުގެ ޒިންމާ އެޅުވީ ކުރީ ސަރުކާރުގެ ބޮލުގަ އެވެ.

ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހިސާބަށް ހަލާކުވެފައިވާ ތާރުގަނޑު އެއްކޮށް ނަގައި، އެތަން އަލުން ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރީ މިދިޔަ ޖޫން މަހު އެވެ. އަދި މަގު މަރާމާތު ކުރުމަށްޓަކައި އެ ސަރަހައްދު ބަންދުކުރީ ޖޫން މަހުގެ ފަހުކޮޅުގަ އެވެ.

މި މަސައްކަތުގެ ދަށުން މިދިޔަ ހަފްތާގައި ތާރު އަޅަން ހަމަޖެހިފައި އޮތް ނަމަވެސް، އެ ދުވަސްވަރު މާލެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ ވާރޭވެހުމުގެ ސަބަބުން މަސައްކަތް ލަސްވުމަށްފަހު، އެ ސަރަހައްދުގައި އަލުން ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން ފެށީ ސެޕްޓެމްބަރު މަހުގެ 19 ދުވަހުގަ އެވެ. 

އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ ދެ ފަށަލައަކަށް ތާރު އަޅައިގެންނެވެ. އެގޮތުން މިހާރު މަސައްކަތް ފަށާފައިވާ ފުރަތަމަ ސެގްމަންޓުގައި ތާރުގެ ފުރަތަމަ ފަށަލަ އެޅުމަށްފަހު، ހޯމަ ދުވަހު ވަނީ ދެވަނަ ފަށަލަ އެޅުމުގެ މަސައްކަތް ފަށައިފަ އެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ނަމަވެސް، އެ ސަރުކާރުގެ ދައުރު ނިމުނުއިރު އެ މަގުގައި ތާރުއަޅައި ނިންމިފައިވަނީ 90 އިންސައްތަ އެވެ. އެއީ ކުރީގެ ހައުސިންގ މިނިސްޓްރީ ހުރި ސަރަހައްދާ ހަމައަށެވެ.