ގދ. ގައްދޫ ކައުންސިލުން ދެމުން އައި އެއްގަމާއި ކަނޑު ދަތުރުފަހަރުގެ ލައިސެންސްގެ ހުރިހާ ހިދުމަތްތައް މެދުކެނޑިފައިވަނީ ބައެއްގެ އިހުމާލުން ކަމަށާއި، މިކަމުގައި މާލީ ފައިދާ ހޯދުމުގައި ހިންގި ގާނޫނާއި ގަވާއިދާއި ހިލާފު އަމަލުތަކެއްގެ ސަބަބުން ކަމަށް ގައްދޫ ކައުންސިލުން ބުނެފި އެވެ.
ހޯމަ ދުވަހު ގައްދޫ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 5 ވަނަ ދައުރުގެ ކައުންސިލުން މަސައްކަތަށް ނުކުތުމަށްފަހު ވެސް ލައިސަންސްގެ ކަންކަމުގައި ޝަކުވާތަކެއް ލިބެމުން އައި ކަމަށެވެ. އަދި ގައްދޫ ކައުންސިލްގެ ރައީސް އިލްހާމް ރަޝީދަށް ލިބުނު ވަރަށް އިތުބާރު ހުރި މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ބެލިބެލުމުން ލައިސެންސް ދޫކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަން އެނގިފައިވާ ކަމަށެވެ.
އެގޮތުން، ލައިސެންސް ނެގިމީހާ މާލޭގައި ހުރެ 30 އޮގަސްޓު 2026 ގައި ލައިސެންސަށް އެޕްލައިކޮށް 31 އޮގަސްޓް 2026 ގައި ގައްދޫ ކައުންސިލުން ލައިސެންސް ދޫކޮށްފައިވާ ކަަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ.
މިކަމަކީ 4 ވަނަ ދައުރުގެ ކައުންސިލުގެ ބައެއް މެންބަރުންގެ ބައިވެރިވުމާއެކު ހިންގާފައިވާ ނާތަހުޒީބު ޖަރީމާއެއް ކަމަށާއި، އެ ކައުންސިލް އިދާރާގެ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މަޖުބޫރުން ވަރަށް ގިނަ ކަންކަން ކުރަންޖެހުމުން ގިނަ ގެއްލުންތަކެއް އެ މުވައްޒަފުން ތަހައްމަލު ކުރަން ޖެހެފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ސެޕްޓެމްބަރު 17 ވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ދެބޭފުޅުން ގައްދޫއަށް ވަޑައިގެން މޮނިޓަރިންގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށް، ބަޔާނުގައި ބުނީ ގަވައިދާ ހިލާފަށް ގިނަ ކަންކަން ކޮށްފައިވާކަން އެ ބޭފުޅުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތުން މާލެއިން ލައިސެންސް ދޫކޮށްފައިވާ އަދާދާއި ގާތް ކުރާ ވަރަށް ލައިސެންސް ދޫކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އެއީ 1600 އަށްވުރެ ގިނަ ލައިސެންސް ކަމަށާއި މިއީ މަހަކަށް 133 ވަރަކަށް ލައިސެންސް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އިތުރަށް ބަޔާނުގައި ބުނީ، ލައިސެންސް ޕްރެކްޓިކަލް ހެއްދުމުގައި ހަރަކާތްތެރިވެފައިވާ އެގްޒަމިނަރުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ހަފްތާއަކު 2 މީހުން ވެސް ޕްރެކްޓިކަލް އެގްޒާމް ހަދާފައިނުވާ ކަމަށެވެ.
މީގެ އިތުރުން، ލައިސެންސްގެ ހިދުމަތް ފެށުމަށް ކަމާއި ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، މިފަދަ ނާތަހުޒީބީ ޖަރީމާތަކާއި ވައްކަމާއި ހިޔާނަތް ނުހިންގޭނެ ގޮތަށް ކައުންސިލް އިދާރާގެ ކަންކަން އިންތިޒާމްކުރާނެ ކަމަށް ގައްދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.