ރައްޔިތުންނަށް އިހުތިރާމް އަދާކުރުމަކީ އެންމެ ފުރަތަމަ ކަމަކަށް ދޮގު ނުހެދުން ކަމަށާއި، މިސަރުކާރުން ރައްޔިތުންނަށް ދޮގު ހެދުން ހުއްޓާލަން ޖެހޭ ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މޭޔަރު އާޒިމް ވިދާޅުވީ، "އިހުތިރާމު ލިބޭނީ އިހުތިރާމު ދީގެން،" ކަމަށާއި، ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް ތަކުރާރުކޮށް ދޮގުހައްދަވަމުން ކަމަށެވެ. އަދި ވިދާޅުވީ މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަފާތު އެކި ޕްރޮގްރާމްތަކާއި ނަސޭހަތުގެ ބަސްތައް ދައްކުވައިދޭ ބޯޑު ބެހެއްޓުމުގެ ނަމުގައި ބޭކާރު ޚަރަދުތައް ކުރުމުގެ ބަދަލުގައި، ސަރުކާރުން ރައްޔިތުންނަށް އިހުތިރާމްކޮށް ދޮގުހެދުން ހުއްޓާލަންޖެހޭ ކަމަށެވެ.

މީގެ އިތުރުން މޭޔަރު އާޒިމް ވިދާޅުވީ، ރައްޔިތުން ނިކަމެތި ހާލުގައި ތިއްބާ ދައުލަތުގެ ފައިސާ އަމިއްލަ އެއްޗެއްގެ ގޮތުގައި ބަލައިގެން އިސްރާފުކުރުން ހުއްޓާލަންޖެހޭ ކަމަށެވެ. 

ރަށްރަށުގެ ތަރައްޤީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި މޭޔަރު އާޒިމް ވިދާޅުވީ، އއ. ތޮއްޑޫގެ މަގުހެދުމުގެ މަސައްކަތް ހަވާލުކުރިތާ ތިން އަހަރު ވެގެންދިޔައިރު އަދިވެސް ގާބުރިއެއްހާ މިންވަރު ވެސް ނުބޭއްވޭ ކަމަށެވެ. އަދި މަސައްކަތް ފަށަނީއޭ ބުނެ ތަކުރާރުކޮށް ދޮގުހެދުމަކީ ރައްޔިތުންނަށް ކުރާ ކުޑައިމީސްކަމެއް ކަމަށް މޭޔަރު އާޒިމް ސިފަކުރެއްވި އެވެ.

މީގެއިތުރުން، އެއްވެސް ޒިންމާއެއް ނެތް ގޮތަށް ރަށްރަށުގައި ވަޒީފާތައް ދީގެން ރައްޔިތުންގެ ފައިސާ ބަހަމުންދާ ކަމަށް މޭޔަރު ވިދާޅުވި އެވެ. ނަމަވެސް ރައްޔިތުން ދައްކާ ޓެކްސް ފައިސާ ޚަރަދުކުރަންވާނީ ރައްޔިތުންނަށް އޭގެ ފައިދާއާއި އުފާވެރިކަން ލިބޭނެ ގޮތަށް ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ ޓެކްސް ފައިސާ އެއްވެސް އިހުތިރާމެއް ނެތި ތަޅާ ބުރުވައި އިސްރާފުކުރަމުންދާ މަންޒަރު ފެނިގެން މި ދަނީ. މިއީ އަޅުގަނޑު ހިތާމަކުރަންޖެހޭ ކަންތައްތައް. މިއީ އަޅުގަނޑުމެންނަށް އެއްގޮތަށް ގަބޫލުކުރެވޭ ކަންތައްތަކެއް ނޫން. ރައްޔިތުންގެ ކޮންމެ ފައިސާ ފޮއްޗެއް ޚަރަދުކުރަންޖެހޭނީ ރައްޔިތުންނަށް އޭގެން ފައިދާއެއް ވާނެ ގޮތަކަށް ރައްޔިތުންނަށް އޭގެ އުފަލެއް ލިބޭ ގޮތަށް. އެހެންނަމަވެސް، މިއަދު ފެނިގެން މި ދަނީ އެ މަންޒަރެއް ނޫން
އާދަމް އާޒިމް

ނަމަވެސް، މިއަދު ރައްޔިތުންނަށް ސީދާ ޚިދުމަތް ލިބެމުންދާ ބަޖެޓުގެ 5 އިންސައްތަ ލިބޭ ކައުންސިލުތަކުގެ ބަޖެޓު ވެސް ކަނޑާލަން މަސައްކަތްކުރަމުންދާ ކަމަށާއި، ސަރުކާރުގެ އަތުގައި އޮތް 95 އިންސައްތައިން ރައްޔިތުންނަށް އެދެވޭ ޚިދުމަތެއް ކޮށްނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.