އަދަދު ނޫހުގެ ސޯޝަލް މީޑިއާގައި ޝާއިއުކުރި "އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ހާޒިރުކުރި އައިޝަތު އީޝާ އަޝްރަފްގެ މައްސަލައިގައި
ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ލަފާދީފައިވާނެކަމަށް ޕްރޮސެކިއުޓަރ
ޖެނެރަލް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހާއި، ސަރުކާރުގެ ބައެއް މަޤާމުތައް ފުރާފައިވާ
އައިޝަތު އީޝާ އަޝްރަފް ފުލުހަށް ހާޒިރުކޮށްފައިވަނީ 2026 މާރޗު 28
ވަނަ ދުވަހު އަދަދު އޮންލައިންގެ އެކްސް އެކައުންޓުގައި ރައީސް ޑރ.
މުހައްމަދު މުއިއްޒު އަށް ގަޛުފުކޮށް، އައިޝާ ނަމުގައި ހަދާފައިވާ ޑޮކިއުމަންޓްރީގައި
އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށެވެ.
މި މައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީ އިން ސުވާލު ކުރުމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، މައްސަލައިގެ ތަހުޤީޤު ފުރިހަމަކުރުމަށް ފުލުހުންނަށް
ލަފާދީފައިވާނެ ކަމަށެވެ. އެ ލަފަޔާ އެއްގޮތަށް ތަހުޤީޤު ފުރިހަމަކޮށް އަލުން މައްސަލަ
ހުށަހެޅުމުން ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ
އެވެ.
މި މައްސަލައިގެ އަދާހަމަ ހޯދުމަށް ފުލުހުންނާ ސުވާލު ކުރިނަމަވެސް، މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
މި މައްސަލައިގައި ފުލުހުން މީގެ ކުރިން ވަނީ އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ އިތުރުން، އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު (ހަސަނާ) ވެސް ސުވާލުކޮށްފަ އެވެ. އަދި މިހާރު އެ މީހުންގެ މައްޗަށް ވަނީ ގަޛުފުގެ ދައުވާ ވެސް އުފުލާފަ އެވެ.
އަދަދު ނޫހުން "އައިޝާ" ޑޮކިއުމެންޓްރީ ގެނެސްދިނުމުގެ އެއް މަސްދުވަސްކުރިން ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ސަރުކާރުގެ މިނިސްޓަރަކު ފޯނުން ގުޅައި އިންޒާރުދިން ކަމަށް ދާދި ފަހުން އީޝާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ވަޒީރެއްކަން ހާމަކޮށްފައެއް ނުވެ އެވެ.