ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް
ހިންގުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ
ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން ރަސްމާލޭގައި ތަރައްޤީކުރުމަށް
ހަމަޖެހިފައިވަނީ ބައިނަލްއަޤްވާމީ ފެންވަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެކެވެ.
މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާ ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް
މަޝްރޫއުކަމަށް ސަރުކާރުން މައުލޫމާތުދެ އެވެ.
އަބޫދާބީގެ "ދަ ނޭޝަނަލް" ނޫހުގައި ރިޕޯޓުކޮށްފައިވާ
ގޮތުން، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދިވެހި ސަރުކާރުގެ
އިސްވެރިންގެ ހާޒިރުގަ އެވެ. މި އެއްބަސްވުމުގައި އީގަލް ހިލްސް ކުންފުނީގެ ފަރާތުން
ސޮއިކުރެއްވީ އެ ކުންފުނީގެ ބާނީ އަދި ޗެއާމަން މުހައްމަދު އަލައައްބާރު އެވެ. ދިވެހި
ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން
އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު އެވެ.
"ދަ ނެޝަނަލް"
ނޫހުގައި ވާ ގޮތުން މި ބިޔަ މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ
ގިނަ ވަސީލަތްތަކެއް ޤާއިމުކުރުމަށް ވަނީ ރޭވިފަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު
ބްރޭންޑްތަކުގެ ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން، މަތީ ފަންތީގެ ބްރޭންޑެޑް ރެޒިޑެންސްތައް
ހިމެނެ އެވެ. މީގެ އިތުރުން ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ހިތްގައިމު ވޯޓަރފްރަންޓް
ޕްރޮމެނާޑްތަކާއި މަތީ ފަންތީގެ ރެސްޓޯރެންޓްތަކާއި ފިހާރަތައް މި މަޝްރޫއުގެ ދަށުން
ތަރައްޤީކުރާނެކަމަށް ދަ ނޭޝަނަލް ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ.
އީގަލް ހިލްސް ކުންފުންޏާ ހަވާލާދީ ރިޕޯޓުތައް
ބުނާގޮތުން، ތަފާތު އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ
ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެ އެވެ. މިއީ ރާއްޖޭގެ އިގުތިސާދީ މުސްތަޤުބަލަށް އަންނާނެ ބޮޑު ބަދަލެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެ އެވެ.