މަސްތުވާތަކެތީގެ މައްސަލައެއްގައި ދ. ކުޑަހުވަދޫ އިން ތިން މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުން ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދަފްތަރު. ނަންބަރ ދރ 1384 / މާލެ، ޛުލްކިފްލި ރަޝާދު އާދަމް (20އ) އާއި ފްރެންޑްލީ / ދ. ކުޑަހުވަދޫ، ނިހާލް ނަސީމް (30އ) އަދި މާވެޔޮ / ދ. ކުޑަހުވަދޫ، ޢަބްދުލްޤައްޔޫމް ޢަބްދުއްސައްތާރު (44އ)  ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

އެ މީހުން ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 19 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި ކަން ފާހަގަކޮށް ފުލުހުން ބުނީ، ކުޑަހުވަދޫ ހޮޓަލެއްގެ ތެރޭގައި ތިއްބައި އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ފުޅި ފެނިފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކުރި ކަމަށް ފުލުހުން ބުނެ އެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.